އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ކަނޑައަޅާފައި ވަނީ ވަކި އަދަދަކަށް ކަމަށާއި މުބާރާތައް ތައްޔާރުވެފައިވާ ކުޅިވަރުތަކުން ބައިވެރިވާނަމަ މިމަހު 15 ގެ ކުރިން ފައިސާގެ ކަންކަން ފުރިހަމަ ނުވެއްޖެނަމަ އެތލީޓުންނަށް މުބާރާތުގައި ޖާގަ ނުލިބޭނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ބުނެފި އެވެ.

އޮލިމްޕިކް ކޮމިތީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއެއްގައި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް (މަރޭ) ވިދާޅުވީ މިމަހު 15 ކުރިން ފައިސާ ހަމަނުޖެހިއްޖެނަމަ ރާއްޖެއިން ވާދަ ކުރާ ހުރިހާ ކުޅިވަރަކަށް އެންމެ ފުރިހަމަ ގޮތުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

މަރުޒޫޤް ވިދާޅުވީ ރާއްޖެއިން ބައިވެރިވާނީ ވަކި އަދަދަކށް ވަކި ކުޅިވަރުތަކެއްގައި ކަމަށް ކުޅިވަރުގެ ގައުމީ މަޖިލިހުން ކަނޑައެޅުމުން ގިނަ ކުޅިވަރުތަކުން މުބާރާތައް ތައްޔާރުވެފައިވާ އަދަދަށް އެތުލީޓުން ނުގެންދެވޭކަން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޮޓްސްގެ ޕާމެނެންޓް ސެކެޓްރީ މާހިދު ޝަރީފު ވިދާޅުވީ ސްޕޯޓްސް ކައުންސިލުން ނުވަތަ ސްޕޯޓްސް މިނިސްޓްރީއިންވެސް ކުޅިވަރުތައް ބައިވެރި ކުރާނެ ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ޔޫތު އެންޑް ސޕޯޓްސް މިނިސްޓަރު އަހްމަދު ޒުޙުރު ސޮއި ކުރައްވައި ގައުމީ މަޖިލީހުން އޮލިމްޕިކް ކޮމިޓީއަށް ފޮނުވާފައިވާ ސިޓީ މަރުޒޫޤް ވަނީ މީޑިއާތަކާ ހިއްސާ ކުރައްވާފައެވެ.

އެސިޓީއާއެކު ހިމަނާފައިވާ ކުޅިވަރު މަޖިލީހުގެ ގަރާރރުގައިވާ ގޮތުން އެތުލެޓިކްސް އަންހެން ކުޅުންތެރިޔަކަށް އެއްވެސް ޖާގައެއް ލިބިފައި ނުވާއިރު ޓޭބަލް ޓެނިސްގެ ފިރިހެން ޓީމަށް ޖާގަ ލިބިފައެއް ނުވެއެވެ. އަދި އަންހެން ފުޓްބޯޅަ ޓީމުވެސް މުބާރާތުގައި ބައިވެރި ކުރާކަށް ގައުމީ ކުޅިވަރު މަޖިލީހުން ނިންމާފައެއް ނުވެއެވެ.

މީގެ އިތުރުން ބައެއް ކުޅިވަރުތަކުން ޓާގެޓް ކޮށްފައިވާ ވަރަށް އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މަރުޒޫޤ ވިދާޅުވީ ކުޅިވަރު ތަކުން ބައިވެރިކުރާނީ ކިތައް ޓީމުކަމެއް ކިތައް އެތުލީޓުން ކަމެއް ނިންމާފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަމަށެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުގެ ނިންމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި ނުދެވުނު ކުޅިވަރުތަކުން އެތުލީޓުން ފޮނުވުމަށް އެއެސޯސިއޭޝަންތަކުންނާއި އެތުލީޓުންނާއި ބެލެނިވެރިން ވެސް މަސައްކަތް ކުރަމުންދާކަން މަރުޒޫޤް ފާހަގަ ކުރެއްވިއެވެ.

"ސްޕޯޓްސް މިނިސްޓްރީ ތެރޭގައި އަބަދުވެސް އުޅޭ މިކަމަށް ބޮޑެތި ގެންޖެހުންތަކެއް ކުރާ ބައެއް. ފަހަރެއްގައި ވެދާނެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އެފްއޭމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދާ މެދު ގެންގުޅޭ ޒާތީ ކަމެއްގެ ގޮތުން ކަމަށްވެސް" މަރޭ ވިދާލުވިއެވެ.

ރައިސްލުޖމުހޫރިއްޔާ ވަޑައިގެން ދިވެހި އެތުލީޓުން ޑީމޯޓިވޭޓް ނުވާނެ ގޮތަކަށް ނިންމާދޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ރައީސްއަށް މިކަން ރަނގަޅަށް އެނގިވަޑައިގަންނެ ކަމަށް މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް މިކަން ހަމަޖޭހޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެއެސޯސިއޭޝަންތަކުން އަމިއްލައަށް ސްޕޮންސާ ހޯދައިގެން ދާކަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑަކީ އުންމީދު ކަނޑާލާ މީހެއް ނޫން އިރާދަކުރެއްވިޔާ ހަމަޖެހޭނެ. އަޅުގަނޑު ދަންނަވޏީ އެސޯސިއޭޝަންތަކުން އުންމީދު ކަނޑާނުލާށޭ އަޅުގަނޑުމެން ހުންނާނެ 91 ވަނަ މިނެޓްގައިވެސް އަޅުގަނޑުމެން ހުންނާނެ ަލނަޑުޖަހައިގެން މޮޅުވެ ތަށި ހޯދާފައި" މަރޭ ވިދާޅުވިއެވެ.