09 Jan 2016, 15:42
އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ ޗާންދަނީމަގަށްވާ ގޮތަށް ހުރި ބޭރު ފާރުގެ މަސައްކަތް ސްކޫލުތައް ހުޅުވެންވާ އިރަށް ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ސްކޫލުތަކުގެ ކިޔެވުން ފެށެނީ ބުދަ ދުވަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތްކުރުމާ ބެހޭ ޑިިޕާޓްމެންޓްގެ ޑިރެކްޓަރު މުހައްމަދު ޝާކިރު ވިދާޅުވީ ފާރުގެ މަސައްކަތް އެދުވަހަށް ނިމޭނެ ކަމަށެވެ.
އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލުގެ ބޭރު ފާރު ތަޅާލާފައި ވަނީ ކުރިން ފާރު ހުރި ހިސާބަށް ވުރެ ފާރު އެތެރެއަށް ޖެއްސުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް މިއަދު "ސަން"އަށް ވިދާޅުވީ އެފާރު އެތެރެއަށް ޖެއްސުމުން ކުދިންނާއި ބެލެނިވެރިންނަށް ވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

"އެފާރު އެތެރެއަށް ޖެއްސުމުން ކުދިން ބަލާ އަންނަ ބެލެނިވެރިންނަށް ވެސް އެތާ މަޑުކޮށްލައިގެން ތިބެވޭނެ. ސްކޫލުގެ އެތެރެއަށް ވަންނާކަށް ނުޖެހޭނެ. އަނެއްކާ ކުދިންނަށް ވެސް ހިނގާ އުޅެން ފަސޭހަ ވާނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އެސަރަހައްދަކީ ގިނަ ސްކޫލުތަކެއް ހުރި ސަރަހައްދަކަށްވުމުން ސުކޫލުތަކަށް ކުދިން ދާ ގަޑީތަކުގަ އާއި ނިމޭ ގަޑީތަކުގައި މަގުގެ ޓްރެފިކް ބާރު ބޮޑުވެ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ. އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުން ފާރު އެތެރެއަށް ޖައްސައި ގެނެވުނު ބަދަލާ އެކު އެ މައްސަލަ ވެސް ހައްލުވެގެން ދާނެ އެވެ.
ކުރިއަށްއޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ޖެނުއަރީ 13 ވާ ބުދަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ.