09 Jan 2016, 14:48
މަދާޔާ (ޖެނުއަރީ 9): ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ފައުޖުތަކުން ހިފާފައިވާ މަދާޔާ އަވަށުގައި މީހުން ބަނޑަށް ޖެހިގެން މަރުވާން ފެށުމުން އެ އަވަށަށް އެހީ ފޯރު ކޮށްދިނުމުގެ ހުއްދަ ސީރިޔާގެ ސަރުކާރުން ދީފި ކަމަށް ޔޫއެން އިން ބުނެފި އެވެ.
ކާނާއާއި ސިއްހީ އެހީ ފޯރުކޮށްދޭ އުޅަނދުތަކަށް މަދާޔާ އަށް ދެވޭނީ ހޯމަ ދުވަހު ކަމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުންޏެވެ.
މަދާޔާގެ އިތުރުން ސީރިޔާގައި ބަނޑަށް ޖެހިފައިވާ އިތުރު ދެއަވަށް ކަމަށްވާ ފުއާ އާއި ކަފްރައްޔާ އަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ވެސް ސީރިޔާ ސަރުކާރުން ދީފައިވާ ކަމަށް ޔޫއެން އިން ބުންޏެވެ. އެދެ އަވަށް ހިފާފައި ވަނީ ސޫރިޔާގެ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުންނެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ލަފާކުރާ ގޮތުގައި ޑިސެމްބަރު އެކެއްގެ ފަހުން މަދާޔާ އިން 23 މީހަކު ބަނޑަށް ޖެހިގެން މަރުވެފައިވެ އެވެ.
ޔޫއެންގެ އިންސާނިއްޔަތާ ބެހޭ ކޯޑިނޭޓަރު ވިދާޅުވީ މަދާޔާގައި މީހުން ބަނޑަށް ޖެހިގެން މަރުވަމުންދާ ކަމުގެ ރިޕޯޓާއި ބައެއް ރައްޔިތުން އަވަށް ދޫކޮށް ދާން މަސައްކަތް ކުރުމުން މަރާލާކަމުގެ ރިޕޯޓު ވެސް ލިބިފައިވާ ކަމަށެވެ.
ޒަރޫރީ އެހީ ބޭނުންވެފައިވާ 400،000 ވަރަކަށް މީހުން ސޫރިޔާގައި މިހާރު އެބަތިބި އެވެ.