09 Jan 2016, 13:32
ސިންގަޕޫރުގެ ސުޓްރެއިޓްސް ޓައިމްސް ނޫހުން ހިންގާ 'ދަ ލައިފް އީ މެގަޒިން'ގެ ކިއުންތެރިންގެ މެދުގައި ބޭއްވި މުބާރާތަކުން އެއްވަނައަށް ދިޔަ މީހަކަށް އިނާމެއްގެ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފިއެވެ.
ސްޓްރެއިޓްސް ޓައިމް ނޫހުން މިއަދު ބުނީ ލައިފް މެގަޒިންގެ މިދިޔަ ޑިސެމްބަރު މަހުގެ އަދަދާއި އެކު ، ބޭއްވި މުބާރާތަކުން އެއްވަނަ ހޯދި މީހުންގެ މެދުގައި ގުރުއަތުލައިގެން ، ރާއްޖޭގެ ސޮނެވާފުށީގައި އެއް ހަފްތާ ހޭދަކުރުމުގެ ފުރުސަތު ލިބިފައި ވަނީ އުމުރުން 32 އަހަރުގެ މިޝޭލް ލޯ އަށް ކަމަށެވެ.
ލަފް މެގަޒިންއާ ބެހޭ ސުވާލަކަށް ޖަވާބުދޭ ގޮތަށް ހިންގި އެ މުބާރާތުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުނު ލޯ ސްޓްރެއިޓްސް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްލުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ލައިފް މެގަޒިން އިން ހޮވި ދެ ނަސީބުވެރިންގެ ތެރެއިން ދެވަނަ މީހާއަށް ދީފައި ވަނީ ކެމްބޯޑިއާއާއި ވިއެޓްނާމާ ދެމެދު އަކުއާ މެކޮން ކްރޫޒް ދަތުރެކެވެ.