ސައުތު އޭޝިއަން ގޭމްސްއަށް ޓޭބަލް ޓޭނިސްގެ ދެ ޓީމު ފޮނުވުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ޖާގަ ނުލިބުމުން އެ ދެ ޓީމު ފޮނުވޭނެ އެހެން އިންތިޒާމެއް ހަމައްޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

ކުޅިވަރު މަޖިލީހުން ޓީޓީއަށް ފުރުސަތު ދީފައިވަނީ ހަތަރު އަންހެން ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ ޖާގައެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ހަތަރު އަންހެން ކުޅުންތެރިން ތިން ކުޅުންތެރިންނަށް މަދު ކުރުމަށްފަހު އޮފިޝަލުންގެ ޖާގައިން މެނޭޖަރުގެ ޖާގަ އުނި ކުރަން ވިސްނަމުން ދާ ކަމަށެވެ. އެބަދަލުގެނައުމުން އުނިވި ދެ ޖާގައަށް ފިރިހެން ދެ ކުޅުންތެރިން ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަނެއް ފިރިހެން ކުޅުންތެރިޔާ ޓީޓީ އެސޯސިއޭޝަނުން ސްޕޮންސާ ހޯދައިގެން ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އެގޮތަށް ބަދަލު ކުރުމުން ޓީޓީ ފިރިހެން ޓީމުގައިވެސް އަދި އަންހެން ޓީމުގައިވެސް ހިމެނޭނީ ތިން ކުޅުންތެރިން ކަމަށެވެ.

އެސޯސިއޭޝަނުން އެގޮތަށް ނިންމުމަށްފަހު އެކަން ކުޅިވަރުގެ ގައުމީ މަޖިލީހަށް އަންގާގެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓީޓީއަކީ އޭޝިއަން ގޭމްސްގައި ރާއްޖެއިން މެޑަލް ހޯދާނެ ކަމަށް ބެލެވޭ ކުޅިވަރެކެވެ.