14 Apr 2011, 19:04
އާއިލާއާ ބެހޭ ކޯޓުގެ ކުޑަދޮރަކުން ފުންމާލައިގެން މިދިޔަ މަހު ފިލި މީހާ ހޯދުމަށް އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިއުމުން އެގޭ މީހުން ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ އާއިލީ މައްސަލައެއްގައި މިދިޔަ މަހުގެ 27ގައި ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް ފިލި، މއ. އާފަލުގޭ މުހައްމަދު މުޖްތަބާ،25، މާލޭގެ ގެއެއްގައި ދިރިއުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ރޭ އޭނާ ދިރިއުޅެމުން އަންނަ އާފަލު ގެއަށް ދިޔަ ކަމަށެވެ. އަދި އެގޭގެ ކޮޓަރިއެއް ޗެކްކުރުމަށް ފުލުހުން ބޭނުންވުމުން އެވަގުތު އެގޭގައި ތިބި މީހުން އެކަމަށް ހުރަސްއެޅި ކަމަށް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ ފުލުހުން އެގެއަށް ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. އަދި އެގޭ މީހުން އެ ކޮޓަރި ބަލަން ފުލުހުންނަށް ހުއްދަ ދިން އިރު މުޖްތަބާ ވަނީ އޭނާ ދިރިއުޅުނު ކޮޓަރީގައި ހުރި ކޮޓަރިއަކުން ފުންމަލައިގެން ފިލާފައި ކަމަށެވެ.
ނަވާޒު ވިދާޅުވީ ވަގުތުން އެގޭ ހިމެނޭ ސަރަހައްދު ފުލުހުންގެ ބަލަންފެށި ކަމަށާއި އެގޮތުން މުޖްތޮބާ ފެނިފައި ވަނީ ރޭ 11:15 ހާކަންހާއިރު ޖަމާލުއްދީން ސްކޫލް ސަރަހައްދުން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވައްކަމާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކެއް ސާބިތުވެގެން ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައި ހުރި މުޖްތަބާ ފިލައިފައި ވަނީ ވަރި ސާބިތު ކުރުމުގެ މައްސަލައެއްގައި ފެމިލީ ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.
މުޖްތަބާ އަކީ މީގެ ކުރިން ވެސް އެކިފަހަރު މަތިން ޖަލު ބަންދުގައި ހުއްޓައި ފިލާފައިވާ މީހެއް ކަމަށާއި ފިލައިގެން އުޅޭ އިރު އޭނާ ސިފަބަދަލުކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މުޖްތަބާ އަކީ 3.48 ކިލޯގެ މަސްތުވާތަކި ބެހެއްޓުމާއި ބޭނުން ކުރުމުގެ މައްސަލައެއް ސާބިތުވެގެން، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު މަތިން 12 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ ކޮށްފަ އެވެ.
އެ މައްސަލަ އާއި ގުޅިގެން ނަވާޒު ވިދާޅުވީ މުޖުތަމަޢުއަށް ނުރައްކާ ތެރި މީހުން ހޯދުމަށް ފުލުހުން ކުރާ މަސައްކަތައް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.