ތުރުކީގެ ދައުލަތުގެ މުވައްޒަފުން ހުކުރުނަމާދަށް ދިއުމަށް ވަގުތު ދިނުމަށް އެގައުމުގެ ސަރުކާރުން މުއައްސަސާތަކަށް އެންގުމުން އެކަމާ ދެކޮޅަށް ގާނޫނީ ވަކީލަކު އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ތުރުކީގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓަށް އެ މައްސަލަ ހުށަހެޅީ އެގައުމުގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ އުމަރު ފާރޫގު އެމިނައަގަގްލޫ ކަމަށް އަލްޖަޒީރާ ބުންޏެވެ. އެމައްސަލައިގައި އުމަރު ފާރޫގު ތުރުކީ ސަރުކާރާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައި ވަނީ ހުކުރު ނަމާދަށް ދާން މުސްލިމުންނަށް ވަގުތު ދޭން އެންގި އެންގުމަކީ ތުރުކީގެ އިލްމާނީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށެވެ. ތުރުކީ ސަރުކާރުގެ އެ އަމުރަކީ ސިޔާސީ ކަމަށް ދީނުގެ ފައިދާ ނެގުން ކަމަށް ވެސް ފާރޫގު ބުނެފައިވެ އެވެ.

ހުކުރު ނަމާދަށް ދިއުމަށް މުވައްޒަފުންނަށް ވަގުތު ދިނުމަށް ތުރުކީ ސަރުކާރުން އަންގާފައިވާ އެންގުމަށް އަމަލު ކުރުން ވަގުތުން ހުއްޓުމަކަށް ގެނައުމަށް ފާރޫގު ވަނީ ކޯޓްގައި އެދިފަ އެވެ.

ތުރުކީގެ އިލްމާނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކާ، އެގައުމުގެ ވެރިކަން ކުރާ ޕާޓީން ހިލާފުވެފައިވާ ކަމަށް ބުނެ، ފާރޫގު ވަނީ އެގައުމުގެ ކްރިމިނަލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ.