09 Jan 2016, 12:36
ބަރުދަން ލުއިކޮށް ރީތި ބައްޓަމެއްގައި ހުރުމަކީ އެއްވެސް މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ބަލަނީ ވީހާވެސް ފަސޭހަކަމާ އެކު، އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއި ކުރާނެ ގޮތަކަށެވެ.
އެގޮތުން ދުވުމަކީ ބަރުދަން ލުއި ކުރުމަށް އެންމެ އަވަސް އަދި ފަސޭހަ ގޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ތެދެކެވެ. އާދަ ކޮށް ދުވާ ނަމަ ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް އަންދާލަ ދީ ހިތަށް ވެސް ކަސްރަތު ލިބޭނެ އެވެ. އެހެންނަމަވެސް އެ އަންދާލަދެނީ ކޮން ކެލޮރީސް ތަކެއްކަން އިނގޭ ހެއްޔެވެ؟
ބަރުދަން ލުއި ކުރުމަށް ތިބާ އާދަކޮށް ދުވާ އިރު، އަންދާލަ ދެނީ ހަށިގަނޑުގައި އެކުލެވޭ "ފެޓު" ނަމަކަށް ކިޔާ މާއްދާގައި ހުންނަ ކެލޮރީސް އާއި މަސްގަނޑުގައި ހުންނަ ކެލޮރީސް އެވެ.
އެކަމުގެ ސަބަބުން ބަރުދަން ލުއި ވާނެ އެވެ. އެހެންނަމަވެސް ތިބާގެ ބައްޓަމަށް ރީތިކަމެއް ނާންނާނެ އެވެ.
ކުރިން ވެސް ފާހަގަ ކޮށްލެވުނު ފަދައިން ދުވުމަކީ ހިތަށް ވެސް ލިބޭ ކަސްރަތެކެވެ. އެހެންނަމަވެސް ހިތަށް މާ ބޮޑަށް ކަސްރަތު ލިބުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.

ހިތަށް މާ ބޮޑަށް ކަސްރަތު ލިބޭ ނަމަ "ކޯޓިސޯލް" ނަމަކަށް ކިޔާ ސްޓްރެސް ހޯމޯން އުފައްދާ މިންވަރު އިތުރުވާނެ އެވެ. އަދި އެކަމުގެ ސަބަބުން ކާހިތްވާލެއް އިތުރުވެ އެވެ. އަދި ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅި އަދި ބަރުދަން ލުއިވި ނަމަވެސް ރީތި ބައްޓަމެއް ނުލިބޭނެ އެވެ.

ހަމައެހެންމެ، އާދަކޮށް ދުވުމަކީ ކަކުލަށާއި ހުޅުތަކަށް ވެސް ގެއްލުން ހުރި ކަމެކެވެ. ހާއްސަކޮށް ތިބާ އަކީ ފަލަ މީހެއްކަމުގައިވާ ނަމަ އެވެ.
އެހެންކަމުން "ބަރުދަން ލުއި ކުރަން" ބޭނުން ނަމަ އާދަކޮށް ދުވުމުގެ ބަދަލުގައި އާދަކޮށް ހިނގަން އާދަ ކުރާށެވެ. މިހެން ބުނުމުން ހައިރާންވެ ގަބޫލު ކުރަން ވެސް ދަތި ވެދާނެ އެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ ދުވާލަކު 30 މިނެޓު ވަންދެން ހިނގުމުން، އާދަކޮށް ދުވެގެން ލިބޭ ހާ ފައިދާ ހަށިގަނޑަށް ލިބެ އެވެ.
ތެދެކެވެ. ހިނގައިގެން ބަރުދަން ލުއި ކުރުމަށް ވަގުތު ނަގާނެ އެވެ. އެހެންނަމަވެސް ދުވެގެން ބަރުދަން ލުއި ކުރާ މީހެއްގެ ބައްޓަމަށް ވުރެ ހިނގައިގެން ބަރުދަން ލުއި ކުރާ މީހެއްގެ ބައްޓަން ރީތި ވާނެ އެވެ.
ހިނގައިގެން ހިތަށް ވެސް ކަސްރަތު ލިބޭނެ އެވެ. އެހެންނަމަވެސް މާ ބޮޑަށް ދުވުމުގެ ސަބަބުން ހަށިގަނޑުގައި އުފައްދާ "ކޯޓިސޯލް" ހޯމޯންގެ ބިރުވެރިކަމެއް ނެތެވެ. އަދި މާބޮޑަށް ކާހިތް ވުމުގެ މައްސަލައަށް ވެސް ހައްލު ލިބުނީ އެވެ.

ބަރުދަން ލުއި ކުރުމަށް ހިނގުމުން "ކޯޓިސޯލް" ހޯމޯން ގެ ބަދަލުގައި"ސެރޮޓޮނިން" އަދި "ޑޮޕަމައިން" ނަމަކަށް ކިޔާ ދެ ހޯމޯން އެއް އުފައްދައިދެ އެވެ. އެދެ ހޯމޯން އަކީ ތިބާ އަށް އުފާވެރި ކަމާއި ހިތްހަމަ ޖެހުން ގެނުވަދޭނެ ދެ ހޯމޯން އެކެވެ.
އެހެންކަމުން "ބަރުދަން ލުއި ކުރުމަށް" ދުވުމުގެ ބަދަލުގައި ހިނގުން ކިހިނެއްވާނެ ތޯއެވެ.!
މައުލޫމާތު : ސްޓެތު ނިއުސް.ކޮމް