09 Jan 2016, 12:09
ރާބިތަތުލް ޢާލަމުލް އިސްލާމީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، ދިވެހި ރާއްޖޭގެ އިލްމުވެރިންނާއި ހަތީބުން އަދި އިމާމުންނަށް ހާއްްސަކޮށްން ބާއްވާ ވޯކްޝޮޕް މިއަދު ފަށައިފި އެވެ.
އެ ވޯކްޝޮޕް ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކަކީ މީހުން ބިނާ ކުރުމަށް ސަރުކާރުން ދެމުން ގެންދާ އަހަންމިއްޔަތުގެ ނަތީޖަ ކަމަށެވެ.

އަދި މިފަދަ ބައްދަލުވުންތަކުގެ ފައިދާ ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށާއި އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށް މި މަހުގެ ތެރޭގައި މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މި މަހުގެ ތެރޭގައި އިމާމުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ގެންދިއުމުގެ ޕްރޮގްރާމް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ބަދަހި ގުޅުމުގެ މައްޗަށް ވެސް ވާހަކަ ދައްކަވައިފަ އެވެ.
މިއަދު ފެށި މި ވޯކްޝޮޕްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި ކީރިތި ގުރްއާނުގެ ތަފްސީރާއި، ޒަމާނީ ފިގުހީ މައްސަލަތަކާއި އިސްލާމީ ސަގާފަތާ ޙަޟާރާތުގެ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖޭގައި ހިލާފު އުފެދިފައިވާ ބައެއް ދީނީ މައްސަލަތަކާ ގުޅިގެން ވެސް މަޝްވަރާ ކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ހިލާފު އުފެދިފައިވާ މައްސަލައަކާ ގުޅިގެން "އަދަބުލް ޚިލާފް"ގެ ނަމުގައި ސެޝަން އެއް ނަގައިދޭނެ ކަމަށާއި އެ ސެޝަންތަކުގައި މައްސަލަ ހައްލު ކުރުމަށް އަމަލު ކުރެވިދާނެ އުސޫލުތަކެއް ވޯކްޝޮޕްގެ ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަދު ފެށި ވޯކްޝޮޕް ކުރިއަށް ގެންދާނީ ހަ ދުވަހުގެ މުއްދަތަކަށެވެ. އެ ބައްދަލުވުމުގެ މަގްސަދަކީ އިމާމުންނާއި އިލްމުވެރިން މެދުވެރިކޮށް ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރާނެ ގޮތް ދަސްކޮށްދިނުމެވެ.
ރާއްޖޭގެ ހުރިހާ އިމާމުންނަށް ހުޅުވާލާގައި ބާއްވާ މި ވޯކްޝޮޕްގައި މާލެ އާއި އަތޮޅު ތެރެއިން 60 އަށް ވުރެ ގިނަ އިމާމުން ވަނީ ބައިވެރިވެފަ އެވެ. ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ރާބިތާގެ ތަޖުރިބާކާރު ލެކްޗަރާ އިން ކަމަށްވާ، ޑރ. އަލީ އައްޒުބްނު އަދި ޑރ. އަލީ އަންނަހާރީ އެވެ. ވޯކްޝޮޕް މޮނިޓަރކޮށް ބަލަހައްޓަ ވާނީ އިސްތާޒް އާދިލް ބިޝްރު އެވެ.