ވޮޝިންޓަން (ޖެނުއަރީ 9): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ކުއްތާއެއް ވަގަށް ނަގަން އުޅުމުގެ ތުހުމަތުގައި ވޮޝިންޓަން ސްޓޭޓުން ބުދަ ދުވަހު ސްކޮޓް ސްޓޮކާޓް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު ޑޮކިއުމެންޓްތަކުގައިވެ އެވެ.

ސްޓޮކާޓް ހައްޔަރު ކުރީ "ބޯ" ނަމަކަށް ކިޔާ އެކުއްތާ ވަގަށް ނަގަން އުޅޭ ކަމަށް ބުނެ އެމެރިކާގެ ސީކްރެޓް ސާވިސްއަށް ލިބުނު މައުލޫމަތަކާ ގުޅިގެންނެވެ.

ވޮޝިންޓަންގެ ހޮޓަލެއްގައި ހުއްޓާ ސްޓޮކާޓް ހައްޔަރު ކުރުމުން އޭނާގެ ކާރުން 13 ބަޑިއާއި 300 ވަޒަން ފެނިފައިވެ އެވެ. އޭނާގެ މައްޗަށް ވޮޝިންޓަންގެ ކޯޓަކުން ވަނީ ގާނޫނާއި ހިލާފަށް ބަޑި ގެންގުޅުމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް، ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި އިއްޔެ އޭނާ ވަނީ މިނިވަން ކޮށްފަ އެވެ.

ސްޓޮކާޓް ހައްޔަރުކުރި ފަހުން އޭނާ ވަނީ އޭނާ އަކީ އީސާގެ ފާނު ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ބައްޕަ އަކީ ޖޯން އެފް ކެނެޑީ ކަމަށާއި މަންމަ އަކީ މެރިލިން މޮންރޯ ކަމަށް ދައުވާ ކޮށްފަ އެވެ.

އޮބާމާގެ އާއިލާ އިން ބޯ އާއި ސަނީ ކިޔާ ދެކުއްތާ ގެންގުޅުއްވަ އެވެ.