އައްރިއްގާ (ޖަނަވަރީ 9) : އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއެއްގެ އަތުން އޭނާގެ މަންމައަށް މަރުގެ އަދަބު ދީފި އެވެ.

އައިއެސްގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ "އަލްއަޢްމާގް" އާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން އެ ޖަމާއަތުގެ ހަނގުރާމަވެރިއެއްކަމަށްވާ އުމުރުން 20 އަހަރުގެ ސަގްރު، ޚަންޖަރެއް ބޭނުންކޮށްގެން އޭނާގެ މަންމަގެ ބޯކަނޑާލާފައި ވަނީ އައިއެސްގެ ވެރިރަށް ކަމަށްވާ ސޫރިޔާގެ އައްރިއްޤާ ގައެވެ. މި ޖަރީމާ ހިންގާފައި ވަނީ އެތައް ބައެއްގެ ކުރިމަތީގައި ކަމަށްވެ އެވެ.

އުމުރުން 20 އަހަރުގެ ސަގްރުގެ މަންމަ އަކީ އުމުރުން 36 އަހަރުގެ އަންހެނެއްކަމަށްވާ ލީނާގާސިމް އެވެ. ލީނާގެ ކުށަކީ އައިއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަން ވިސްނައިދީ އެކަމަށް މަސައްކަތް ކުރުންކަމަށް އައިއެސްގެ ފަނޑިޔާރަކު އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ބުނެފައިވެ އެވެ. ލީނާ ވަނީ އޭނާގެ ފިރިހެންހެން ދަރިފުޅު އެޖަމާއަތަށް ވަދެފައި ވަނީ މަގުއޮޅިގެންކަން އޭނާ އަށް ވިސްނައިދީ އެކަމަށް ޓަކައި ދަރިފުޅަށް ތަކުރާރުކޮށް ނަސީހަތްތެރިވުމެވެ. އަދި ލީނާ ރާވާފައި ވަނީ ދަރިފުޅު "ހައްލާލައިގެން" އައިއެސްގެ ކޮންޓްރޯލް ގައިވާ ސަރަހައްދުތަކުން ބޭރަށް އޭނާ ގެންގޮސް ސިއްރިޔާތުގައި ފިލުމަށް ކަމަށް ވެސް އައިއެސް އިން ބުނެފައިވެ އެވެ.

މިއީ "އިސްލާމިކް ސްޓޭޓަށާއި މުސްލިމުންގެ ޚަލީފާއަށް" އުރެދުން ކަމަށާ މިކަމުގެ އަދަބަކީ ލީނާގެ ދަރިފުޅުލައްވައި އޭނާގެ ކަރުބުރިކުރުންކަމަށް އައިއެސްގެ ފަނޑިޔާރުން ވަނީ ނިންމާފަ އެވެ. އަދި ދަރިފުޅު އަތުން މަންމަ މެރުމުން ދަރިފުޅަށް ވެސް އަދަބު ދެވުނީކަމަށް އައިއެސްގެ ފަނޑިޔާރުން ކޮށްފައިވާ ހުކުމްގައި ބުނެފައިވާ ކަމަށްވެ އެވެ.
ސަގްރު ލައްވައި އޭނާގެ މަންމަ މެރީ ސަގްރުގެ ރުހުމުގައިކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެ އެވެ. މުސްލިމުންގެ ޚަލީފާކަމަށް އައިއެސް އިން ސިފަކުރާ މީހަކީ އަބޫބަކުރުލްބަޣްދާދީ އެވެ. އޭނާއަކީ ކުރިން އިސްރާއީލުގެ ޖާސޫސެއްކަމަށް ވެއެވެ. ބަޣްދާދީއަކީ އޭނާ މަރާލުމަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކަށް ފިލައިގެންއުޅޭ މީހެކެވެ. މިގޮތުން ދުވާލަކު ދެ ސަރަހައްދަށް އޭނާގެ ދިރިއުޅުން ބަދަލުކުރާކަމަށްވެ އެވެ.
އައިއެސް އަކީ އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި އިސްލާމްދީނުގައި އަދަބު ދޭން ނުޖެހޭކަން ކަމަށްވެސް ބޮޑެތި އަދަބުތައްދީ ކުށެއްނެތްމީހުންގެ ކަރުބުރިކުރަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް ރަޝިޔާ ސޫރިޔާއަށް ވަނުމަށް ފަހު މިވީ ހަތަރުވަރަކަށް މަސްތެރޭގައި އެޖަމާއަތުގެ 300 އަށްވުރެ ގިނަ ހަނގުރާމަވެރިންނާއި ކޮމާންޑަރުން މަރާލާފައިވާކަން އެޖަމާއަތުން އެއްބަސްވެފައިވެ އެވެ. އައިއެސްގެ އަތްދަށުގައިވާ އިރާގާއި ސޫރިޔާގެ ބިންތަކުގެ ތެރޭން 30 އިންސައްތަ ބިން ފާއިތުވި އަހަރު އެޖަމާއަތުގެ އަތްދަށުން ބީވެގެން ގޮސްފައިވާ ކަމަށް އެމެރިކާއިންވަނީ ބުނެފަ އެވެ.

އައިއެސްގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ "އަލްއަޢްމާޤް" ބުނާގޮތުން އެޖަމާއަތާ ވަރަށް ފަހުން ގުޅުނު ޒުވާނުންތަކަކަށް ވަނީ އެޖަމާއަތަށް ޖާސޫސުކުރުމުގެ ކުށުގައި ކަރުބުރިކޮށްގެން މަރުގެ އަދަބު ދީފަ އެވެ. މީގެ ތެރޭގައި އުމުރުން 21 އަހަރުގެ އަބްދުލްހަލީމް އާއި 20 އަހަރުގެ އަބްދުލްއަޟީމް ހިމެނެ އެވެ. މީގެ އިތުރުން އައިއެސްއިންވަނީ ސޫރިޔާގެ ޒުވާން އަންހެން ނޫސްވެރިއެއްކަމަށްވާ ރުގިއްޔާ ހައްސާން އަށްވެސް ކަތިލައިގެން މަރުގެ އަދަބު ދީފަ އެވެ. އަދި ވަރަށްފަހުން އައިއެސްއާ ގުޅުނު ދެ އެކްޓިވިސްޓުން ކަމަށްވާ އިބްރާހީމް އަބްދުލްގާދިރުއާއި އޭނާގެ ރަހްމަތްތެރިޔާ ފާރިސް ހައްމާދީ އަށްވެސް ވަނީ ކަތިލައިގެން މަރުގެ އަދަބު ދީފައެވެ. މިދެމީހުންނަށް މަރުގެ އަދަބު ދިންކަމަށްވަނީ ތުރުކީގެ ދެކުނުގައި އައިއެސްގެ ހަނގުރާމަވެރިން ތިބޭ ގެއެއްގެ ކޮޓަރިއެއްގައި ކަމަށް ވެއެވެ. މިތިންމީހުންނަކީ އައިއެސްއަށް ވަނުމަށް ފަހު އެޖަމާއަތާ ދެކޮޅަށް ޖާސޫސޫ ކުރިބައެއްކަމަށް އައިއެސްއިން ތުހުމަތުކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)