09 Jan 2016, 10:35
އަންކާރާ (ޖެނުއަރީ 9): ވިސާއަކާ ނުލައި ސޫރިޔާ ރައްޔިތުންނަށް ތުރުކީއަށް ނުވަދެވޭ ގޮތަށް އިއްޔެ ހަދައިފި އެވެ.
ވައިގެ މަގުންނާއި ކަނޑުގެ މަގުން ތުރުކީއަށްދާ ސޫރިޔާ ރައްޔިތުން ވިސާ ހައްދަން ޖެހޭނެ ކަމަށް ތުރުކީ އިން އިއުލާން ކުރީ މިދިޔަ ހަފްތާގަ އެވެ. އިއްޔެ އިން ފަށައިގެން ތުރުކީ އިން ވަނީ އެ އުސޫލަށް އަމަލުކުރަން ފަށައިފަ އެވެ.
އެ އާ އުސޫލަކީ މިދިޔަ ނޮވެމްބަރު މަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުމަށް ތަބާ ވުމުގެ ގޮތުން ތުރުކީ އިން ތައާރަފްކޮށްފައިވާ އުސޫލެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ތުރުކީ މެދުވެރިކޮށް ޔޫރަޕަށްދާ ރެފިއުޖީން މަދުކުރުމަށް ތުރުކީން މަސައްކަތްކުރުމުން އީޔޫ އިން އެގައުމަށް އެހީގެ ގޮތުގައި ތިން ބިލިއަން ޔޫރޯ (3.27 ބިލިއަން ޑޮލަރު) ދޭނެ އެވެ. ތުރުކީ އިން ދަނީ އީޔޫއާ ގުޅުމަށް މަސައްކަތް ކުރަމުންނެވެ.
ސޫރިޔާގެ އިތުރުން އިރާގުންނާއި، އަފްގާނިސްތާނުން ވެސް ގިނަ އަދަދެއްގެ ރެފިއުޖީން ތުރުކީ މެދުވެރިކޮށް ޔޫރަޕަށް ދާން މަސައްކަތް ކުރެ އެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާ ފަރާތްތަކަށް ވިސާ ބޭނުންވި ނަމަވެސް، ބިމުން ދެ ގައުމުގުޅޭ ބޯޑަރު އަދިވެސް އޮންނާނީ ސޫރިޔާ ރައްޔިތުންނަށް ހުޅުވާލާފައި ކަމަށް ތުރުކީ އިން ވަނީ ބުނެފަ އެވެ. ސޫރިޔާ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނު ފަހުން ތުރުކީ ބޯޑަރު އޮންނަނީ ސުރިޔާ ރައްޔިތުންނަށް ހުޅުވާލާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީންގެ އާބާދީ އޮންނަނީ ތުރުކީގައި އެވެ. އެގައުމުގައި މިހާރު ވެސް ސޫރިޔާގެ 2.2 ބިލިއަން ރައްޔިތުން ދިރިއުޅެ އެވެ. (ނޫސްއޭޖެންސީތައް)