ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާ ޕާކިސްތާނު ފިލްމު ކުޅެން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފިލްމު އިންޑަސްޓްރީތަކުގެ އުހުގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޕާކިސްތާނު ފިލްމު ކުޅެން ޝައުގުވެރިވާކަން ފާޅުކޮށްފައި ވަނީ އެ ގައުމުގެ ޑޯން ނޫހަށް ދިން އިންޓަވިއުއެއްގަ އެވެ.

"ޕާކިސްތާނު ފިލްމެއް ކުޅެން އަހަންނަށް ފުރުސަތު ލިބިއްޖިއްޔާ ވަރަށް އުފާ ވާނެ"، ޕްރިޔަންކާ ބުންޏެވެ.

ޑޯން ނޫހާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، އޭނާގެ ފިލްމުތަކަކީ ހަމައެކަނި ބަތަލުންނަށް ބިނާ ވެގެންވާ ފިލްމުތަކެއް ނޫން ކަމަށެވެ. އަދި އޭނާ ފިލްމު ކުޅެދެނީ މުނިފޫހި ފިލުވުމަށް ކަމަށެވެ.

"އަހަރެން ފިލްމު ކުޅެނީ މުނިފޫހި ފިލުވައި ދިނުމަށް. އަހަންނަނީ މުނިފޫހި ފިލުވައިދޭ މީހެއް. އަހަންނަކީ ޕާފޯމާއެއް. އަހަރެން ބޭނުން ވަނީ ރަނގަޅު ފިލްމުތަކެއް ކުޅެން. އަހަރެންގެ ކަރެކްޓަރު ރަނގަޅުވާން ޖެހޭނެ. އެ ފިލްމުގެ ވާހަކަ މޮޅުވާން ޖެހޭނެ"، ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، ޕާކިސްތާނު ފިލްމެއް ކުޅޭނީ އޭނާ އެ ފިލްމުގައި އަދާކުރަން ޖެހޭ ރޯލަށް ބެލުމަށް ފަހުގައި ކަމަށެވެ.

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަހާދު ހާން އާ އެކު ޕްރިޔަންކާ "މިސްޓާ ޗާލޫ" ނަމަކަށް ކިޔާ ފިލްމެއް ކުޅެން އުޅޭ ކަމުގެ ހަބަރުތައް ދާދިފަހުން ވަނީ ފެތުރިފަ އެވެ. އެކަމާގުޅޭ ގޮތުން ސުވާލު ކުރުމުން ޕްރިޔަންކާ ބުނީ، "ތިއުޅެނީ މިހާރު ވެސް މައްސަލަ އެއް އުފައްދަން" ކަމަށެވެ.

ދާދި ފަހުން ރިލީޒް ކުރި ޕްރިޔަންކާގެ "ބާޖީ ރާއޯ މަސްތާނީ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

ހަމައެހެންމެ އޭނާ މިހާރު ވެސް ކުޅެމުން އަންނަ އެމެރިކާމެ ޓީވީ ސީރީޒް "ކުއަންޓިކޯ" އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

"ކުއަންޓިކޯ"ގައި އަދާ ކުރި ރޯލަށް ޕްރިޔަންކާ އަށް ވަނީ، ޕީޕަލްސް ޗޮއިސް އެވޯޑުގެ ނިއު ޓީވީ ސިރީޒް ގެ ކެޓަގަރީ އިން އެންމެ ފެއަވަރިޓު އެކްޓުރެސް އެއްގެ އެ ވޯޑުވެސް ހާސިލް ކޮށްފަ އެވެ.