މުޖުތަމަޢުއަށް އެބައެއްގެ "ނުރައްކާ ބޮޑު" ނުވަ މީހެއްގެ މަޢުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ މާލެ ތެރޭގައި މާރާމާރީ އާއި ވައްކަމާ ފޭރުން އިތުރުވެފައިވާތީ ފުލުހުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި "ހައި ޕްރޮފައިލް" މީހުންގެ ގޮތުގައި ސިފަ ކުރާ ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން މިއަދު މަޢުލޫމާތު އާންމު ކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ދެ މީހަކު މަރާލި ކަމުގެ ތުހުމަތު މިހާރު ވެސް ކުރަމުން އަންނަ ގ. ކޯޒީ އިބްރާހިމް ޝަހުމެވެ. އަދި އޭނާ އަކީ ތަފާތު ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން 11 ފަހަރެއްގެ މަތިން ހައްޔަރުކޮށް އޭގެ ތެރެއިން ދެ މައްސަލައެއް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. ނަވާޒު ވިދާޅުވީ ޝަހުމް ނިސްބަތްވާ ގޭންގަކީ "އެންސީ ޕާކް" ކަމަށާއި ނަމަވެސް މާލެ ތެރޭގައި އުޅޭ ބޮޑެތި ގޭންގްތަކަށް ވެސް އޭނާ ނިސްބަތްވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

މަޢުލޫމާތު މިއަދު އާންމު ކުރި ދެ ވަނަ މީހަކީ މީގެ ކުރިން ތަފާތު މައްސަލަތަކުގައި 22 ފަހަރެއްގެ މަތިން ހައްޔަރުކޮށް އަދި ޕީޖީ އަށް ދައުވާ ކުރުމަށް މިހާރު ވެސް ތިން މައްސަލައެއް ފޮނުވާފައިވާ ރިލްވާން ފަރުހަތެވެ. އަދި އޭނާ އަކީ "މަސްއޮޑި ގުރޫޕަށް" ނިސްބަތްވާ މީހެއް ކަމަށާއި މިހާރު ވެސް ރިލްވާންގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ކަމަށް ނަވާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ހަމަ މަސްއޮޑި ގުރޫޕަށް ނިސްބަތްވާ މ. ކޮޅުފުށީ ޒަހީރާ މަންޒިލް އަހުމަދު ޝިރުހާނަކީ ވެސް ތަފާތު އެކިއެކި މައްސަލަތަކުގައި 22 ފަހަރެއްގެ މަތިން ފުލުހުން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. ނަވާޒު ވިދާޅުވީ ޝިރުހާނުގެ ތިން މައްސަލައެއް ޕީޖީ އަށް މިހާރު ފޮނުވާފައިވާ އިރު އޭގެތެރެއިން އެއް މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

ފުލުހުން މިއަދު މަޢުލޫމާތު އާންމު ކުރި ހަތަރު ވަނަ މީހަކީ "ކުޑަ ހެންވޭރަށް" ނިސްބަތްވާ މާލޭ ދަފްތަރު އަބުދުﷲ ނަސީރެވެ. ނަސީރަކީ ވެސް ތަފާތު އެކިއެކި މައްސަލަތަކުގައި 17 ފަހަރެއްގެ މަތިން ހައްޔަރު ކޮށް، އޭގެ ތެރެއިން ފަސް މައްސަލައެއް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެކެވެ.

ނަސީރުގެ އިތުރުން ކުޑަ ހެންވޭރަށް ނިސްބަތްވާ ގދ. ރަތަފަންދޫ އެއްގަމުގޭ، އަހުމަދު ޝަރީފަކީ ވެސް ހަތް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެނާގެ ފަސް މައްސަލައެއް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ފުލުހުން މައުލޫމާތު އާންމު ކުރި ހަ ވަނަ މީހަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު މަޖީދީމަގު، އަލިކިލޭގެފާނުމަގު ލައިޓް ކަރީ އަހުސަން ބަޝީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި އިބްރާހިމް ޝަހުމް ފިލުވުމަށް އެހީތެރިވި ދިން ލ. މާވަށް އެވާބްލޫ މުހައްމަދު ވިޝާމެވެ. "ޕީޓްރަލް" އަށް ނިސްބަތްވާ ވިޝާމަކީ ނުވަ ފަހަރެއްގެ ސމަތިން ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ.

އަދި ހަމަ ބުރު ކިޔާ ގުރޫޕަކަށް ނިސްބަތްވާ އިބްރާހިމް އަބުދުﷲ އަކީ ތަފާތު އެކިއެކި މައްސަލަތަކުގައި 14 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އޭނާގެ މައްސަލައެއް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައިފަ އެވެ.

އިބްރާހިމް އަބުދުﷲގެ އިތުރުން ބުރަށް ނިސްބަތްވާ ގދ. ފަރެސްމާތޮޑާ އަލި، ގައްސާން އަލީ އާއި އަދި ހަމަ އެގޭ ހައްސާން އަލީގެ މަޢުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ގައްސާނަކީ 11 ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށް އޭގެ ތެރެއިން ތިން މައްސަލައެއް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެކެވެ. އަދި ހަމަ ބުރަށް ނިސްބަތްވާ ހައްސާނަކީ 13 ފަހަރެއްގެ މަތިން ހައްޔަރުކޮށް އޭގެ ތެރެއިން ތިން މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އެ ނުވަ މީހުންނަކީ ވެސް މާރާމާރީ އާއި ވައްކަމާ މީހުން މެރުމުގައި އެއްވެސް ޖެހިލުމެއް ނެތި މުޖުތަމަޢުގައި އުޅެމުން ދިޔަ މީހުން ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަތައް އަވަސް ކޮށްދިނުމަށް ޕީޖީ އޮފީހާއި ކޯޓުތަކުގައި ވެސް އެދިފައިވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ. ނަވާޒު ވިދާޅުވީ އެ ނުވާ މީހުން މިހާރު ތިބީ ކޯޓު އަމުރުގެ ދަށުން ފުލުހުންގެ ހައްޔަރަށް ބަދަލުކޮށްފައި ކަމަށެވެ.

ފުލުހުން މިއަދު މަޢުލޫމާތު އާންމު ކުރި ނުވަ މީހުންގެ އިތުރުން އިތުރު މީހެއް ވެސް ހޯދަމުން އަންނަ ކަމަށާއި އެނާ އާ ބެހޭ މަޢުލޫމާތު ވެސް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.