ދަރިވިހެއުމާ ގުޅިގެން ގިނަ ގައުމުތަކުގައި "މެޓާނިޓީ ލީވް" ނުވަތަ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ލިބެނީ މަންމައިންނަށެވެ. އެހެން ނަމަވެސް، ބައެއް މަދު ގައުމުތަކުގައި މައިންނާ އެއްފަދަ އިން ބައްޕައިންނަށް ވެސް އެފަދަ ޗުއްޓީއެއް ކޮންމެވެސް ވަރަކަށް ދެ އެވެ.

ސްކެންޑެނޭވިއާގެ ގައުމެއް ކަމުގައިވާ ސްވީޑެންއަކީ އެފަދަ މިސާލެކެވެ. ވިހެއުމާ ގުޅިގެން މައިންނަށްދޭ ޗުއްޓީގެ ބަދަލުގައި 1974 ވަނަ އަހަރު ސްވީޑެންގެ ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް އެ ގައުމުގައި ވަނީ "ޕޭރަންޓަލް ލީވް" ނުވަތަ، ދަރި ވިހެއުމާ ގުޅިގެން މަންމައާއި ބައްޕައަށް ދެވޭ ޗުއްޓީއެއް ތަޢާރަފު ކޮށްފަ އެވެ. މި ޗުއްޓީގެ ބޭނުމަކީ، ދަރިން ބަލައި ބޮޑުކުރުމަކީ ހަމައެކަނި މައިންގެ ޒިންމާއަކަށް ނުވުން ކަމާއި، އެއީ މަންމައާއި އެއްފަދައިން ބައްޕަގެ ވެސް ޒިންމާއެއް ކަން ހާމަ ކުރުމުގެ އިތުރުން، ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމެވެ.

އެހެން ނަމަވެސް އޭރު، ޕޭރަންޓަލް ލީވް ނަގަމުން ދިޔައީ ގިނައިން އަންހެނުންނެވެ. އެ ލީވް ނަގާ ފިރިހެނުންނަށް ދިޔައީ ހަޖޫ ޖެހެމުންނެވެ.

މި ސަގާފަތް ބަދަލު ކުރުމުގެ ގޮތުން 1995 ވަނަ އަހަރު ސްވީޑެންގެ ސަރުކާރުން "ޑެޑީ ކޯޓާ"ގެ ނަމުގައި އާ ސިޔާސަތެއް ތަޢާރަފު ކުރި އެވެ. މި ސިޔާސަތުގެ ދަށުން ހުށަހެޅެނީ "މަޖުބޫރީ ޑީލް" އެކެވެ. ދަރިއަކު ލިބުމާއި ގުޅިގެން ބައްޕައަށް 30 ދުވަހުގެ ޗުއްޓީއެއް ދެވެ އެވެ. އެ 30 ދުވަސް ޕޭ ލީވްގެ ގޮތުގައި ޗުއްޓީ އަށް ދާށެވެ. އެ 30 ދުވަހުގެ ތެރޭގައި މަސައްކަތް ކުރަން ބޭނުން ނަމަ އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ނަމަވެސް މަސައްކަތް ކޮށްފި ނަމަ މުސާރައެއް ނުލިބޭނެ އެވެ.

މިއާ އެކު، ގިނަ ބައްޕައިން ޗުއްޓީ ނަގަން ފެށިއެވެ. 30 ދުވަހުގެ "ޑެޑީ ކޯޓާ" ޗުއްޓީގެ މުއްދަތު، 2002 ވަނަ އަހަރު 60 ދުވަސް ނުވަތަ ދެ މަސް ދުވަހަށް، ކުރީގެ މަޖުބޫރީ ޑީލްއާއި އެކު އިތުރު ކުރެވުނެވެ. އަދި މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އެ ޗުއްޓީގެ މުއްދަތު ތިން މަސް ދުވަހަށް (90 ދުވަހަށް) ވަނީ އިތުރު ކުރެވިފަ އެވެ.

ސްވީޑެންގައި ޕޭ ލީވް ނަގައިފި ނަމަ، އެ މީހަކަށް މުސާރައިގެ ގޮތުގައި ދެވެނީ ޖުމްލަ މުސާރައިގެ 80 އިންސައްތަ އެވެ. ދުނިޔޭގެ އެންމެ ފުދުންތެރި އެއް ޤައުމު ކަމުގައިވާ ސްވީޑެންގައި ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުންނަށް ވެސް ފުދުންތެރި އުޖޫރައެއް ލިބޭ އިރު، އެ އުޖޫރައިގެ 80 ޕަސެންޓް ވެސް ވާނީ ބޮޑު އެއްޗަކަށެވެ. އެހެންކަމުން އެ ގައުމުގެ ސަރުކާރުން ހިންގާ މިފަދަ އިންސެންޓިވްތައް ވަރަށް ފަސޭހައިން އެ ގައުމުގައި މަސައްކަތްކޮށް، އޭގެން ނަތީޖާ ވެސް ހާސިލުވެ އެވެ.

މިހާރު ސްވީޑެންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދަރިއަކު ލިބުމާއި ގުޅިގެން، ކޮންމެ 10 ފިރިހެނަކުން ނުވަ ފިރިހެނުން "ޑެޑީ ކޯޓާ"ގެ ދަށުން ޗުއްޓީއަށް ދެ އެވެ. މި ޗުއްޓީއާއި، ދަރިއަކު ލިބުމާ ގުޅިގެން ބައްޕައިން ޗުއްޓީއަށް ދިއުމަކީ ސްވީޑެންގެ ރައްޔިތުން ދެކޭ ގޮތުގައި، އެ ގައުމުގައި އޮންނަ ވަރަށް މުހިންމު ސަގާފަތެކެވެ.

މަސްދަރު: ބީބީސީ، ކުއާޓްޒް