މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ފިލި، އެގައުމުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށް ބެލެވޭ ޖޯގިން ގުޒްމަން ހޯދަމުންދިޔަތާ ހަ މަސް ފަހުން އޭނާ ހައްޔަރުކޮށްފިއެވެ.

މިދިޔަ ޖުލައި މަހު ޖަލުން ފިލި ގުޒްމަން ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައިވަނީ މެކްސިކޯގެ ރައީސް އެންރީކޭ ޕެނާ ނިއެޓޯ އެވެ.

"މިޝަން ކާމިޔާބު، މެކްސިކޯގެ ހުރިހާ ރައްޔިތުންނަށް ބުނެލަން އޮތީ ޖޯގިން ގުޒްމަން ލޮއެރާ އަތުލައިގަނެ ހައްޔަރުކޮށްފިން" މެކްސިކޯގެ ރައީސް ނިއުޓޯގެ ޓްވީޓާގައި ބުނެފައިވެ އެވެ.

އޭޕީގައި ބުނެފައިވާގޮތުން ގުޒްމަން ހައްޔަރުކޮށްފައިވަނީ، އޭނާގެ އުފަން ސްޓޭޓް ކަމަށްވާ ސިނާލޮއާގެ އަށްސޭރިފަށުގައި އޮންނަ ސިޓީއެއްގައި މެކްސިކޯގެ ސިފައިންނާދެމެދު ދިޔަ ކުރިމަތިލުމަކަށްފަހު އެވެ.

އެންޓިޕްލާނޯ ފެޑެރަލް ޕްރިޒަން ނަމަކަށް ކިޔާ ޖަލުގައި ބަންދުކޮށްފައި ހުއްޓައި ގުޒްމާން މިދިޔަ ޖުލައި މަހު ފިލާފައިވަނީ، އޭނާ ބަންދުކޮށްފައިހުރި ޖަލުގެ ގޮޅި ތެރެއިން އަޑިއަށް ހަދާފައިވާ 1.5 ކިލޯ މީޓަރު ދިގު ބިންގަރާހަކުންނެވެ.

އެ ބިންގަރާސް ހަދާފައިވަނީ ޖަލުގެ އަޑި އަޑިން ގޮސް ޖަލާ މާދުރުނޫން ގެއެއްގެ ތެރެއަށް ނިކުމެވޭ ގޮތަށެވެ.

ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ ގުޒްމާން އަތުލައިގަތުމަށް މައުލޫމާތުދޭ ފަރާތަކަށް އެމެރިކާއިން ފަސް މިލިއަން އެމެރިކާ ޑޮލަރު ހުށަހެޅިއެވެ.

ގުޒްމާން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފައެވެ. މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ފިލާފައިވަނީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައިވަނީ 13 އަހަރަށްފަހު މިދިޔަ އަހަރު އެވެ.

މައުލޫމާތު: ބީބީސީ