މިސްރުގައި ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ހުރްގަދާ ސިޓީގެ ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، އެތަނުގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގައި ފަތުރުވެރިންތަކެއް ޒަޚަމް ވެއްޖެ އެވެ.

މިސްރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުން، ދެ ފަތުރުވެރިއަކަށް ވަނީ ޒަޚަމް ވެފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ ހުރްގަދާގެ ބެލަ ވިސްޓާ ހޮޓަލުގަ އެވެ. ހާދިސާ ހިނގުމާ އެކު ސަލާމަތީ ބާރުތަކުން ވަނީ ހަމަލާއަށް ވަގުތުން އިޖާބަ ދީފަ އެވެ. މިސްރުގެ ޤައުމީ ޓީވީ އިން ބުނާ ގޮތުން އެތަނަށް ހަމަލާ ދިން އެކަކު މިހާރު ވަނީ، ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި މަރުވެފަ އެވެ.

އެހެން ނަމަވެސް، އެ ހޮޓަލަށް ހަތިޔާރާ އެކު ވަނީ ޖުމްލަ ކިތައް މީހުން ކަމެއް ސާފު ވެފައެއް ނުވެ އެވެ. އަދި ހަމަލާގައި ޒަޚަމްވި ދެ ފަތުރުވެރިންނަކީ ކޮން ޤައުމަކަށް ނިސްބަތްވާ ދެ މީހުންނެއް ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުން ބުނެފައި ވަނީ، އެ އޮފީހުން މިހާރު ދަނީ އެ ހަމަލާއާ ގުޅުންހުރި މަޢުލޫމާތުތައް ހޯދަމުން ކަމަށެވެ.

ހުރްގަދާ އޮންނަނީ، މިސްރުގެ މަޝްހޫރު ޝަރަމުއްޝައިޚް ރިސޯޓާއި ދާދި ގާތުގައި، ރަތް ކަނޑުގެ އައްސޭރީގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ރަޝިޔާގެ މަތިންދާ ބޯޓެއް ޝަރަމުއްޝައިޚް ކައިރިން ވެއްޓިފައިވާ އިރު، އައިއެސް ޖަމާޢަތުން ބުނެފައި ވަނީ އެ ފްލައިޓު ވެއްޓިފައި ވަނީ އެ މީހުންގެ ހަމަލާއަކުން ކަމަށެވެ. މިއާ އެކު ރަޝިޔާ އިން ވަނީ މިސްރަށް ކުރާ ހުރިހާ ވައިގެ ދަތުރުފަތުރެއް ހުއްޓާލައިފަ އެވެ.