ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރުމުން 10 އަހަރަށް ޖަލަށް ލާފައިވާ ތަމަޅަ ޓައިގަރުންގެ ޖަމާއަތުގެ މީހަކަށް ރައީސް ސިރިސޭނާ މައާފު ދެއްވައިފި އެވެ.

ރައީސް ސިރިސޭނާ ސްރީލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވިތާ އިއްޔެއަށް އެއް އަހަރު ފުރިފައިވާ އިރު، އެކަމުގެ މުނާސަބަތުގައި އިއްޔެ ކޮލޮމްބޯގެ ބަންޑާރަނަޔަކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި އޮތް ރަސްމިއްޔާތުގައި، ރައީސް ސިރިސޭނާ މައާފު ދެއްވާފައިވަނީ، 2005 ވަނަ އަހަރު ރައީސް ސިރިސޭނާ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިރު އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރި ތަމަޅަ ޓައިގަރު ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމުގައިވާ ސިވަރާޖަ ޖެނިވަންއަށެވެ.

ރައީސް ސިރިސޭނާ އޭރު ހުންނެވީ އިރިގޭޝަން އެންޑް މަހާވެލި ޑިވެލޮޕްމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. 2005 ވަނަ އަހަރު، ރައީސާ ޗަންދްރިކާ ކުމާރަތުންގަގެ ވެރިކަމުގައި ހިނގައިދިޔަ އެ ހާދިސާގައި އެލްޓީޓީއީއަށް ނިސްބަތްވާ ސިވަރާޖަ ބައިވެރިވެފައިވާ އިރު، އޭނާ ހައްޔަރުކުރީ ޖެހިގެން އައި އަހަރުގަ އެވެ.

ސިވަރާޖަ ޖެނިވަން 10 އަހަރަށް ޖަލަށް ލުމަށް ޕޮލޮނަރުވަ ހައި ކޯޓުން ހުކުމް ކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.

ސްރީލަންކާގެ ރައީސް ސިރިސޭނާ މީގެ ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިރު، އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ޖުމްލަ ފަސް ފަހަރަކު ތަމަޅަ ޓައިގަރުން މަސައްކަތް ކޮށްފައިވާ ކަމަށް ސިރިސޭނާ ވިދާޅުވެފައި ވެ އެވެ. އޭގެ ތެރެއިން، 2008 ވަނަ އަހަރުގައި ކޮލޮމްބޯގެ ސަރަހައްދެއްގައި، ސިރިސޭނާއާއި އެހެން އިސް ވެރިންތަކެއް ދަތުރު ކުރައްވަނިކޮށް އެބޭފުޅުންނަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއަކުން ސިރިސޭނާ ވަނީ ވަރަށް ހަނި ގޮތަކަށް ސަލާމަތްވެ ވަޑައިގެންފަ އެވެ.