08 Jan 2016, 23:59
ބަނގުލަދޭޝްގައި މިއަދު ފެށި ބަންގަބަންދު ގޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 4-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެ ބަންގާޅުން ފެށުން ރަނގަޅުކޮށްފިއެވެ.
ޖޯޝުރުގެ ޝަމްސުލް ހުދާ ސްޓޭޑިއަމްގައި މިއަދު ކުޅުނު އެ މެޗުގެ 17 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ޝަކަވަތު ރޮނީ ވަނީ ބަންގާޅަށް ލަންކާގެ ގޯލް ހުޅުވާލަދީފައެވެ.
މެޗުގެ 21 ވަނަ މިނިޓްގައި ލަންކާޓީމުން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޑިސަން ފިގުރާޑޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް، އޭގެ މިނިޓެއްފަހުން ބަނގާޅު ޓީމުގެ ޔީސިން ޚާންވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރީން ބަންގާޅު ޓީމަށް ނަތީޖާ ފުޅާކޮށްދިނީ، ނަބީބު ނެވާޖް ޖިބޯންއެވެ.
ބަނގުލަދޭޝް ޓީމުން 3-1ގެ ލީޑަކާއެކު މެޗުގެ ދެވަނަ ހާފް ފެށި ނަމަވެސް، 52 ވަނަ މިނިޓްގައި ލަންކާ ޓީމުގެ ޗަތުރަންގާ ސަންޖީވާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް 3-2 އިން ނަތީޖާ ހަނިކޮށްދީފައެވެ. އެހެން ނަަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނިޓަށް ވެފައި ވަނިކޮށް ރޯނީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.
މިމަހުގެ 8 އިން 18 އަށް ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށް ގެންދާ މި ބަންގަބަންދު ގޯލްޑް ކަޕްގެ ގްރޫޕް "އޭ"ގައި ބަންގުލަދޭޝްއާ ލަންކާގެ އިތުރުން ހިމެނެނީ، ނޭޕާލާއި މެލޭޝިއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ މެންދުރުފަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަކުރާނީ ނޭޕާލާއި މެލޭޝިއާއެވެ.
މި މުބާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް "ބީ"ގައެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ، ކެމްބޯޑިއާ، ބަހްރެއިން އަދި ބަނގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަދުވަހު ނުކުންނާނީ ކެމްބޯޑިއާއާ ދެކޮޅަށެވެ.
އޭއެފްސީ ކޮންފެޑެރޭޝަންތަކުގެ ތެރޭގައި ހިމެނޭ ގައުމުތައް ބައިވެރިކޮށްގެން ބާއްވާ މި މުބާރާތަކީ ބަނގުލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާންގެ ހަނދާނުގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ.