08 Jan 2016, 21:45
ގެބްރިއެލް ޑެލާ މޮނިކާ އަކީ އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ފެންވެރުމުގައި އެތައް ވަގުތެއް ހޭދަކުރާ ފްރާންސްގެ އިންޖިނިއަރެކެވެ. ފެން މާގަނޑު ދޫކޮށްގެން ހުރެ އެތައް ވަގުތެއް މަޖަލުގައި އޭނާގެ ދަރިފުޅު ފާހާނާގައި ހޭދަކުރެއެވެ.
"އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅަށް ފެން ރައްކާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ކިޔައިދީ އަހުލުވެރިކުރުވަން. ފެންވަރާ ވަގުތަކީ މަޖަލުގެ އިތުރުން ތައުލީމީ ވަގުތަކަށް ހަދަން،" ޑެލާ މޮނިކާ ބުންޏެވެ.
ދަރިފުޅު ފެންވެރުމުގައި އިސްރާފުކުރާ ފެން މަދުކުރުމުގެ ހައްލަކަށް އޭނާ އުފެއްދީ ސްމާޓް ފެން މާގަނޑެކެވެ. އެ ފެން މާގަނޑު މިހާރު ލަސް ވޭގަސްގައި ކުރިއަށްދާ ކޮންސިއުމާ އިލެކްޓްރޯނިކް ޝޯގައި ވަނީ ދައްކާލާފައެވެ.
މިދިޔަ އަހަރު "ސްމާޓް އެންޑް ބުލޫ"ގެ ނަމުގައި ޑެލާ މޮނިކާ އުފެއްދި ކުންފުނިން ފަރުމާކޮށްފައިވާ އެ ފެން މާގަނޑަށް ދީފައިވާ ނަމަކީ "ހައިޑްރާއޯ" އެވެ. އަދި އެ ފެން މާގަނޑުން ފެން ބޭނުންކުރެވެމުންދާ މިންވަރު ދައްކުވައިދެ އެވެ.
އެކަން އަންގައިދެނީ މާގަނޑުގައި ހަރުކޮށްފައި އިންނަ ލެޑް ލައިޓުންނެވެ. މާގަނޑު ދޫކުރާއިރު ލެޑް ލައިޓް ދިއްލިފައި އިންނާނީ ފެހި ކުލައިންނެވެ. އަދި ފެން ބޭނުންކުރާ ވަރަކަށް ފެހިން ނުލަށް އަދި އެއަށްފަހު ރަތް ކުލައަށް ބަދަލުވެ އެވެ.
މާގަނޑުގައި ހަރުކޮށްފައި އިންނަ ލެޑް ލައިޓް ރަތް ކުލައަށް ބަދަލުވާނީ 50 ލީޓަރުގެ ފެން ބޭނުންކުރެވުމުންނެވެ.
އެ މާގަނޑަށް ލެޑް ލައިޓަށް ކަރަންޓް ފޯރުކޮށްދޭނީ ފެންމާގަނޑު ތެރޭގައި އިންނަ ކުޑަ ހައިޑްރޯ ޕަވާ ޕްލާންޓަކުންނެވެ. އެހެންކަމުން އެޔަކަށް ބެޓެރިއެއް ބޭނުމެއް ނުވެއެވެ.
ހައިޑްރާއޯ ފެން މާގަނޑު ވަޔަލެސް މެދުވެރިކޮށް އެޕަލް ނުވަތަ އެންޑްރޮއިޑް ސޮފްޓްވެއާ ބޭނުންކުރާ ސްމާޓްފޯން ނުވަތަ ޓެބްލެޓަށް ގުޅާލެވޭއިރު، އެ މާގަނޑު ބޭނުންކުރުމަށް އެޕްލިކޭޝަނެއް ވެސް ހަދާފައިވެ އެވެ.
އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން ފެން ބޭނުންކުރެވޭ މިންވަރު ބަލާލުމުގެ އިތުރުން، ފެން ބޭނުންކުރެވޭނެ މިންވަރާއި ލެޑް ލައިޓްގެ ކުލަތައް ވެސް ބަދަލުކުރެވޭނެ އެވެ.
ފެން މާގަނޑު ފަރުމާކުރި ޑެލާ މޮނިކާގެ ކުންފުނިން ބުނާގޮތުން، އެ ފެން މާގަނޑުގެ ފުރަތަމަ ޖެނަރޭޝަންގެ 1000 ޔުނިޓް މިހާރު ވިކިފައިވާއިރު، އެ މާގަނޑުން ފެން ބޭނުންކުރެވޭ މިންވަރު އެވްރެޖްކޮށް 25 ޕަސެންޓް ދަށްކޮށްދެއެވެ.
މީގެ އިތުރުން، ފެންވެރުމަށް އާއްމުކޮށް 80 ލީޓަރުގެ ފެން ބޭކާރުވާއިރު، ހައިޑްރާއޯ ސްމާޓް ފެން މާގަނޑުގެ ސަބަބުން އެ އަދަދު 55 ލީޓަރަށް ތިރިކޮށްދެ އެވެ.
އެ ޓެކްނޮލޮޖީގެ ދެވަނަ ޖެނަރޭޝަން ވިއްކަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް ހިސާބުގައެވެ. އަދި އަގު އުޅޭނެ ކަމަށް ބެލެވެނީ 99 އެމެރިކާ ޑޮލަރުގައެވެ.
"ހައިޑްރާއޯ ފެން މާގަނޑު ބޭނުންކުރުމުން ދަރިފުޅުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުނު. އެހެންވެގެން އަހަރެން ބޭނުންވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ އާއިލާތަކަށް އެ އިލްމާ ޝައުގުވެރިކަން ގެނެސްދޭން،" އޭނާގެ އުފެއްދުން ދައްކާލަން ބޭނުންވި ސަބަބު ހިއްސާކުރަމުން ޑެލާ މޮނިކާ ބުންޏެވެ.