14 Apr 2011, 16:25
ސިޔާސީ ވާދަވެރިކަން ދޫކޮށްލައި ރަށުގެ ރައްޔިތުންނާ ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި ދިއްފުއްޓަށާއި މާފުއްޓަށް ވަޑައިގެން އެ ދެ ރަށު ކައުންސިލާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މާފުށީގެ ރަށު ކައުންސިލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށު ކައުންސިލްގެ މިހާރުގެ އަމާޒަކަށް ވާން ޖެހޭނީ، ކައުންސިލް އިންތިހާބުގެ ތެރޭގައި އުފެދުނު ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށް ފަހު ކައުންސިލްގެ ހުރިހާ މެންބަރުން އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން ރަށުގެ ތަރައްޤީ އަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް ކައުންސިލާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މާފުށީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގޭނެ ނިޒާމެއް އެކުލަވާލެއްވުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރައީސްގެ ދަތުރުފުޅުގައި މާފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލް ބޯޑާ ބައްދަލުކުރެއްވި އެވެ. އަދި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދަރިވަރުން ހޯދާފައިވާ ފުރިހަމަ ނަތީޖާ ފާހަގަކުރެއްވި ވެސް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެއަށް ފަހު މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށާއި މާފުށީ ޖަލަށް ވެސް ޒިޔާރަތް ކުރައްވައި އެ ތަންތަން ބައްލަވާލެއްވި އެވެ. ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖަލުގެ ހާލަތު އޮޅުންފިލުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މާފުށްޓަށް ވަޑައިގެންނެވުމުގެ ކުރިން އިއްޔެ ވަނީ މާލެ އަތޮޅު ދިއްފުށްޓަށް ވަޑައިގެން ދިއްފުށީ ކައުންސިލާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ވެސް، ސިޔާސީ ވާދަވެރިކަން ދޫކޮށްލައްވައި ރަށުގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ. އަދި ރަށު ކައުންސިލުން ދިއްފުށީގައި ހިންގަން ގަސްދުކުރާ ޕްރޮގްރާމްތަކާއި ރަށަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހިމެނޭ ގޮތަށް، ރަށު ކައުންސިލުން ދިއްފުށީގެ ބިން ބޭނުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ އިތުރުން، ރަށުގެ ބަނދަރާ ބެހޭ ގޮތުން ރަށު ކައުންސިލުގެ ހިޔާލު ހޯއްދެވި އެވެ.
ސަޢޫދީ ފަންޑުގެ ލޯނު އެހީގެ ދަށުން ދިއްފުށީ ބަނދަރު ހެއްދެވުމުގެ މަސައްކަތް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.