ވިންޑޯސް 10ގެ ޑިވައިސްތަކަށް ހާއްސަކޮށްގެން އޮންލައިން ވެވޭގޮތަށް ސެލިއުލާ ޑޭޓާ ސާވިސްއެއް މައިކްރޮސޮފްޓުން އުފައްދަން މަސައްކަތްކުރަމުން ދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ދަ ވާޖް" އިން ބުނެފައިވަނީ މައިކްރޮސޮފްޓުން މިހާރު މަސައްކަތް ކުރަމުންދަނީ މޯބައިލް އޮޕަރޭޓަރުންނާ ގުޅުވާލެވޭ ހާއްސަ އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އެ އެޕްލިކޭޝަނާއި ހިދުމަތަކީ މައިކްރޯސޮފްޓްގެ ވިންޑޯސް 10 އަކަށް ހާއްސަ ހިދުމަތެއް ކަމަށް ވާޖް އިން ވަނީ ބުނެފައެވެ.

ނަމަވެސް އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވިންޑޯސް 10ގެ އިތުރުން އެހެން އެއްޗެއް ބޭނުންވާނެއެވެ. މައިކްރޯސޮފްޓުން އަންނަނީ އެ ކުންފުންޏަށް ހާއްސަ ސިމެއް ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ވިންޑޯސް 10 ޑިވައިސްތަކުގައި އެ ސިމް ބޭނުންކޮށްގެން ކޮންމެ ނެޓްވޯކަކުންވެސް ސެލިއުލާ ޑޭޓާ ބޭނުން ކުރެވޭނެ ކަމަށް ވާޖް އިން ވަނީ ބުނެފައެވެ. މަހު ފީއެއް ދައްކަން ނުޖެހޭ އެ ސިމަށް އެއް ފަހަރު ފައިސާ ދެއްކުމުން ނިމުނީއެވެ. ނަމަވެސް އެ ހިދުމަތް ބޭނުންކުރެވެނީ، ކޮން ޑިވައިސް ތަކެއްގައި ކަމެއް ކުންފުނިން ބުނެފައެއް ނުވެއެވެ.

އެ ހިދުމަތުގެ ބޭނުމަކީ ގައުމު ބަދަލު ވުމުންވެސް ސިމް ބަދަލު ކުރުމާއި ކޮންޓްރެކްޓްގެ އުނދަގުލުން ސަލާމަތް ވުން ކަމަށް މައިކްރޯސޮފްޓުން ބުންޏެވެ.

މައިކްރޯސޮފްޓުން ތައާރަފްކުރާން މަސައްކަތްކުރަމުންދާ މި ހިދުމަތް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސާވިސް ޕްރޮވައިޑަރުންނާ ގުޅުވާލުމަށް އިންތިޒާމް ހަމަޖައްސަނީ، ޓްރާންސަޓޭލް ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ.

ޓްރާންސަޓޭލް އަކީ އިންޓަނޭޝަނަލް މޯބައިލް ވާޗުއަލް ނެޓްވޯކް އޮޕަރޭޓާއެކެވެ. އެ ކުންފުނިންވަނީ މި މަހުގެ ތެރޭގައި ދުނިޔޭގެ 50 ވަރަކަށް ސާވިސް ޕްރޮވައިޑަރުންނާއެކު އެ ހިދުމަތާ ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަސް އައުމަށް ނިންމާފައެވެ. އެގޮތުން އެމެރިކާއާއި އިނގިިރޭސިވިލާތް އަދި އިންޑިއާ ފަދަ ގައުމުތަކުގެ ސާވިސްޕްރޮވައިޑަރުން އެ އެއްބަސްވުމުގެ ދަށުން ޓްރާންސަޓޭލް އާ ގުޅޭނެއެވެ.