ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުވެސް އެފްރިކާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ފަހަތަށް ޖައްސާލުމަށްފަހު، މޮޅު ކުޅުތެރިޔާގެ މަގާމު ގެބޯންގެ ފޯވާޑް ޕިއެރޭ-އެމަރިކް އޮބަމަޔޮން ހޯދައިފިއެވެ.

ކޮންފެޑެރޭޝަންސް އޮފް އެފްރިކާ (ކާފް) އެވޯޑް ދިނުމަށް، އެފްރިކާ ބައްރުގެ ކޯޗުންނާއި ޓެކްނިކަލް ޑައިރެކްޓަރުންގެ ތެރޭގައި ނެގި ވޯޓުން، ބުންޑަސް ލީގާގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އޮބަމަޔޮން އަށް ވަނީ 143 ޕޮއިންޓް ލިބިފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި، ޓޫރޭއަށް މިފަހަރު ލިބުނީ، 136 ޕޮއިންޓެވެ. އަދި ޕްރިމިއަލީގް ކްލަބް ސުވަންސީއަށް ކުޅޭ ގާނާގެ މިޑްފީލްޑަރު އަންޑްރޭ އަޔޫއަށް ލިބުނީ 112 ޕޮއިންޓެވެ.

އޮބަމަޔޮންއަކީ، ކާފް އެވޯޑް ހާސިލްކުރި ގެބޯންގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

ފަސްވަނަ ފަހަރަށް އެވޯޑް ހާސިލް ނުކުރެވުމުން ކުޑަކޮށް މާޔޫސްވެފައި ހުރި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޓޫރޭ ބުނީ، އެވޯޑް ނުލިބުމުން ދެރަވި ކަމަށާއި އެހެން ނަމަވެސް އޮބަމަޔޮންއަށް އެވޯޑް ހައްގު ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރު، ކާފް އެވޯޑް ހޯދާފައިވާ ޓޫރޭއަށް ވަނީ، ބީބީސީން ހޮވާ އެފްރިކަން ފުޓްބޯލަރ އޮފް ދަ އިޔާގެ އެވޯޑް ވެސް މިދިޔަ އަހަރު ލިބިފައެވެ.

އޮބަމަޔޮންއަކީ މި ސީޒަންގައި ޖަރުމަން ލީގުގުގައި އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަންގެ މިހާތަނަށް 17 މެޗުން 18 ލަނޑު ކާމިޔާބުކޮށްފައެވެ.