08 Jan 2016, 16:57
ޒިމްބާބްވޭގައި ވިޔަފާރިއާއި ފައިސާގެ މުއާމަލާތުތައް ހިންގުމަށް ބޭނުންކުރާ ރަސްމީ، ފައިސާއަކީ ޗައިނީޒް ޔުއާން ކަމުގައި އެގައުމުން ކަނޑައަޅައިފި އެވެ.
ޒިމްބާބްވޭގެ ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅުގަ އެވެ.
ޒިމްބާބްވޭއިން ވަނީ، އެޤައުމުގެ އަމިއްލަ ފައިސާ ކަމުގައިވާ ޒިމްބާބްވޭ ޑޮލަރުގެ އަގު ވަރަށް ބޮޑަށް ވެއްޓި، އެ ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުން 2009 ވަނަ އަހަރު އެފައިސާ ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އޭގެ ފަހުން އެޤައުމުގައި ރަސްމީ ބޭނުމުގައި އެމެރިކާ ޑޮލަރު ބޭނުން ކުރެވުނު އިރު، ދެކުނު އެފްރިކާގެ ފައިސާއާއި އެހެން ޤައުމުތަކުގެ ފައިސާ ވެސް ބޭނުންކުރެވުނެވެ.
މީގެ ދެ އަހަރު ކުރިން ވެސް ޒިމްބާބްވޭގެ ލީގަލް ޓެންޑަރު ނުވަތަ އާންމުކޮށް ބަލައިގެންފައިވާ ފައިސާގެ ގޮތުގައި ޗައިނީޒް ޔުއާން ބޭނުން ކުރެވުނު ނަމަވެސް، އާންމު ބާޒާރުގައި މިކަން ބަލައިގަނެ، ސަރުކާރުން ވަކި ގޮތެއް ނިންމާފައި ވަނީ ދާދި ފަހުންނެވެ.
ޒިމްބާބްވޭއިން މިގޮތަށް ނިންމާފައި މިވަނީ، އެޤައުމުން ޗައިނާއަށް އަދާކުރަން ޖެހޭ 40 މިލިޔަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް މައާފު ކުރަން ނިންމާފައި ވަނިކޮށެވެ. މިއާއި އެކު، ޗައިނާއާއި ޒިމްބާބްވޭއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ވެސް ޔުއާންއިން ކުރުމަށް ވަނީ ނިންމައިފަ އެވެ.
ޗައިނީޒް ޔުއާން ނުރަސްމީ ފައިސާގެ ގޮތުގައި ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައި އުތުރު ކޮރެއާ، މިޔަންމާ އަދި ޗައިނާގެ ދެ ޓެރިޓަރީ ހޮންގ ކޮންގގައި ބޭނުން ކުރާ އިރު، ރަސްމީ ފައިސާގެ ގޮތުގައި ޔުއާން މިހާރު ބޭނުންކުރެވެނީ ޗައިނާއާއި ޒިމްބާބްވޭގައެވެ.