ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. ވެލިދޫގައި އިފްތިތާހު ކޮށްފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް އަލީ އަހުމީން މިއަދު ވިދާޅުވީ ރޭގައި ވަނީ ކޮމިޓީ އިފްތިތާހުކޮށްފައި ކަމަށެވެ.

އަހުމީން ވިދާޅުވީ ރޭގެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީ އަށް ހަތް މެމްބަރުން ހޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ 13 ދާއިރާއެއް އޮންނަ އިރު ކޮންމެ ދާއިރާއަކުން މެމްބަރެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށްރަށުން މެމްބަރު އިންތިހާބު ކުރާނީ ރަށުގެ އާބާދީގެ ނިސްބަތުންނެވެ.

"ރޭގެ ނުވައެއް ޖެހި އިރު ހަތް މެމްބަރަކު ކޮމިޓީއަށް ސޮއިކޮށް އެ ކޮމިޓީ އިފްތިތާހު ކޮށްފައި ވަނީ. އެއަށް ފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ ރައީސާއާއި ނައިބު ރައީސާ ވަނީ ހޮވައިފަ އެވެ. އެގޮތުން ރައީސާ އަށް ހޮވާފައި ވަނީ އެމްޑީއޭގެ މެމްބަރެއް ކަމަށްވާ އައިމިނަތު އަސްފަ އެވެ. ނައިބު ރައީސާ އަކަށް ވެސް ހޮވާފައި ވަނީ އެމްޑީއެގެ މެމްބަރެއް ކަމަށްވާ ފާތިމަތު ފަޔާޒާ ކަމަށް އަހުމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި އަންހެނުން ބާރުވެރިކޮށް އިޖުތިމާއީ ގޮތުން އަންހެނުން ކުރިއެރުމަށް އެ ކޮމިޓީ އިން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގަވާއިދުގެ އަށް ވަނަ މާއްދައިގައި ބުނާ ގޮތުން އިންތިހާބަށް ކުރިމަތިލާ އަންހެނަކީ އުމުރުން 18 އަހަރުގެ މީހަކަށް ވާން ޖެހެ އެވެ. އަދި އެ މީހަކީ ކުރިމަތިލާ ރަށެއް ނުވަތަ ސިޓީއެއްގެ ރަށްވެއްސަކަށް ވާން ޖެހޭ އިރު ދިވެހި ރާއްޖޭގެ އަސާސީ ތައުލީމުގެ ފެންވަރު ހުރި މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ. އެއްވެސް ޖިނާއީ ކުށެއްގެ ރެކޯޑެއް އޮތް އަންހެނަކަށް އޭނާ ވެގެން ނުވާނެ ކަމަށާއި ފުލްޓައިމް ދަރިވަރަކަށް ވެގެން ވެސް ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ އެއްވެސް މަގާމެއްގައި ހުރި އަންހެނަކަށް ވެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަން ޖެހެ އެވެ.