ލ. ގަމު ސިނާއީ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާއި މަގުތައް ބެލެހެއްޓުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ލ. ގަމު ސިނާއީ ސަރަހައްދާ ބެހޭ އޮފީހުގެ މުވައްޒިފުންނަށް މިދިޔަ މަހުގެ މުސާރަ ނުދޭ ކަމަށް ލ. ގަމު ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ނައިބު ރައީސް އަސްލަމް އަހުމަދު މިއަދު ވިދާޅުވީ ގަމު ސިނާއީ ސަރަހައްދާ ބެހޭ އޮފީހުގެ 20 މުވައްޒިފަކަށް މިދިޔަ މަހުގެ މުސާރަ ފިނޭންސުން ފޮނުވާފައިނުވާ ކަމަށާއި މުސާރަ ފޮނުވާފައި ނުވަނީ މުސާރައިގެ އޮނިގަނޑު އެކުލަވައިލި އިރު އެ މުވައްޒިފުން ތިބީ ގައުމީ އިދާރާގެ މުވައްޒިފުންގެ ދަށުގައި ނޫންކަމަށް އެ އިދާރާ އިން ކައުންސިލަށް އަންގާފައި ވާތީ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ އެ މުވައްޒިފުންނަށް މުސާރަ ލިބޭތޯ. އެގޮތުން އަޅުގަނޑުމެން ސިވިލް ސާވިސްގައި ވެސް ދެންނެވިން. އެބޭފުޅުން ވިދާޅުވި އެއީ ސިވިލް ސާވިސްގެ މުވައްޒިފުންނެއް ނޫނޭ،" އަސްލަމް ވިދާޅުވި އެވެ.

ގަމު ސަރަހައްދީ އޮފީހުގެ މުވައްޒަފުންގެ މުސާރަ އަނެއް މަހުގެ ދެބައިވި އިރު ވެސް ނުލިބޭތީ ތަފާތު ދަތިތަކާ މުވައްޒަފުންނަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. އަދި އެ އޮފީހުގައި މަސައްކަތް ކުރާ އަބްދުއްރަހީމް ޔޫސުފް މިއަދު ބުނީ މުސާރަ އަދި ވެސް ލިބިފައި ނުވާތީ ދިރިއުޅުމުގެ ތަފާތު ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތި ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް އެބަދަތިވޭ. މިހާރު މި މަހުގެ 15 އަށް އެރީ އަދި މުސާރަ ނުލިބޭ. އަދި މިކަހަލަ ދަނޑިވަޅެއްގައި ކިހާ ދަތި ވާނެ،" ޑޮލަރުގެ އަގުބޮޑުވެ ތަކެތީކެ އަގު އުފުލެމުންދާ ދަނޑިވަޅަށް އިޝާރަތްކޮށް އޭނާ ބުންޏެވެ.

ރަށު ކައުންސިލުން މިއަދު ބުނީ އެ މުވައްޒިފުންގެ މައްސަލަ ބެލި ބެލުމުން އެ މީހުން ތިބީ ހޯމް މިނިސްޓްރީގެ ދަށުގައިކަން މިހާރު އެނގިފައިވާ ކަމަށާއި އެ މުވައްޒިފުންނަށް މުސާރަ ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެ މައްސަލައިގާ އަދި ވަނީ ގައުމީ އިދާރާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.