08 Jan 2016, 11:13
އެމްޓީވީގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ ކަމަށްވާ "ޓީން ވުލްފް"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކެރެކްޓަރު އެލިސަން އާޖެންޓްގެ ރޯލުން ފެނިގެންދާ ކްރިސްޓަލް ރީޑް އެ ޝޯއަށް އަނބުރާ ގެނައުމަށް ނިންމައިފި އެވެ.
ޓީން ވުލްފްގައި އެލިސަން އާޖެންޓްގެ ރޯލުން ފެނިގެންދާ ކްރިސްޓަލް ވަނީ ޝޯގެ ތިން ވަނަ ސީޒަންގައި މަރުވެފައެވެ. އެއާއެކު ޝޯގެ ސަޕޯޓަރުން ވަނީ އެމީހުންގެ ހިތްހަމަ ނުޖެހުމާއި އުދާސްތައް ފާޅުކޮށްފައެވެ. ޝޯގެ ފަސްވަނަ ސީޒަންގެ މެދުތެރެއަށް ދިޔަ އިރުވެސް ސަޕޯޓަރުން އަދިވެސް އަންނަނީ ކްރިސްޓަލް ޝޯއިން ފެނިގެންދާނެ ކަމުގެ އުއްމީދު ކުރަމުންނެވެ.
ކްރިސްޓަލް އެ ޝޯއަށް އައުމަށް ނިންމާފައިވިނަމަވެސް އޭނާ ފެނިގެންދާނީ އެލިސަންގެ ރޯލަކުންނެއް ނޫނެވެ.
"ބަޒްފީޑް" އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ޖެފް ޑޭވިސް ބުނީ ކްރިސްޓަލް ފެނިގެންދާނީ އެލިސަންގެ އާއިލާގެ ތާރީހުގައި ހިމެނޭ މުހިއްމު އެހެން ކެރެކްޓަރެއްގެ ރޯލުން ކަމަށެވެ.

ކްރިސްޓަލް ފެނިގެންދާނީ އެލިސަން އާޖެންޓްގެ އާއިލާގެ ކުރީގެ މެމްބަރެއް ކަމަށްވާ މޭރީ ޖީން ވޭލެޓްގެ ރޯލުން--- ފޮޓޯ: ބަޒްފީޑް
"ކްރިސްޓަލް ކުޅޭނީ އެލިސަން އާޖެންޓްގެ ރޯލެއް ނޫން. އެހެން ނަމަވެސް އާޖެންޓް އާއިލާގެ ތާރީހުގައި ހިމެނޭ މުހިއްމު މެމްބަރެއް ކަމަށްވާ މެރީ ޖީން ވޭލެޓްގެ ރޯލުން،" ޑޭވިސް ބުންޏެވެ.
ކްރިސްޓަލް އަލުން ޓީން ވުލްފް އަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ގައި ދައްކާ އެޕިސޯޑުގައެވެ. "ދަ މެއިޑް އޮފް ގެވޮޑޯން" އިން ނަން ދެވިފައިވާ އެ އެޕިސޯޑުގައި 1700ގެ އަހަރުތަކުގައި އާޖެންޓް އާއިލާގެ ތާރީހަށް އަލިއަޅުވާލާނެއެވެ.
ކްރިސްޓަލްގެ ކެރެކްޓަރާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ މޭރީ ޖީން އަކީ އެ އާއިލާއިން އެންމެ ފުރަތަމަ އާދަޔާ ހިލާފު އެއްޗަކާ ދިމާވި ފަރާތް ކަމަށެވެ. މޭރީ ޖީންގެ ކެރެކްޓަރަކީ ވަރަށް އާދައިދެ ދިރިއުޅުމެއް އުޅޭ ފަގީރު ކުއްޖެއް ކަމަށް ކްރިސްޓަލް ބުންޏެވެ.
ޓީން ވުލްފް ސީޒަން ފަހެއްގެ "ބީ" ދައްކަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.