ލިޔުނީ: އަހުމަދު ސާއިލް އަލީ، ހުސައިން ހަސަން

ހ. ލާލުގެ، އަބްދުﷲ ހަލީމް ބުދަ ދުވަހުގެ ރޭ ފަތިހު ގެއިން ނުކުތީ ކުނި އުކާލުމަށް ދިއުމަށެވެ. ގެއިން ނުކުތުމާއެކު ހަލީމަށް ފެނިގެން ދިޔައީ ގޯޅިގަނޑުގެ އެއްފަރާތެއްގައި ހުރި ކުނި ފުންޏެއްގައި ބޯ އަޅާލައިގެން މީހަކު އޮއްވަ އެވެ. އަލިކަމެއް ނެތުމުން، މޫނު ސާފުކޮށް ނުފެންނާތީ އެއީ ކާކު ކަމެއް ނޭނގެ އެވެ.

"ކީއްވެފަތަ ތިއޮތީ،" ބުނެ ހަލީމް އޭނާއާ ސުވާލު ކުރި އެވެ. ދެތިން ފަހަރަކު ސުވާލު ކުރުމުން ވެސް ޖަވާބު ނުދޭތީ ހަލީމް އަވަސް ވެގަތީ ފުލުހުންނަށް އެންގުމަށެވެ.

"އަޅުގަނޑު އެހީ 'ކީއްވެފަހޭ ތި އޮތީ' ބުނީމަ އަނގައިން ނުބުނީމަ ޕޮލިހަށް ގުޅީ. މާ ފަހުން އެނގުނީ އެއީ އަންހެން ކުއްޖެއްކަން ވެސް. އަޅުގަނޑު ޕޮލިހަށް ގުޅާފަ ބުނީ ވަރަށް އަވަހަށް ފޮނުވާށޭ އެބައޮތޭ ވެއްޓިފައި ކުއްޖަކު. ފުލުހުންނަށް ގުޅީ 5:55 ގައި. ފުލުހުން އައީ އޭގެ 10 ވަރަކަށް މިނެޓު ފަހުން،" ހަލީމު ސަން އަށް ކިޔައިދެމުން ބުންޏެވެ.

ޒުހާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓް ކުރި މީހާ ޒުހާ އެތަނުގައި އޮތް ގޮތް ކިޔައިދެނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އެއީ މިއަހަރުގެ ފުރަތަމަ މަރު ފުލުހުންނަށް ރިޕޯޓު ކުރި މީހާގެ ވާހަކައެވެ. މަރާލާފައި އޮއްވާ މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު މާލެ ގޯޅިގަނޑެއްގެ ތެރެއިން ފެނުނީ ލ. ގަން، ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ، 23، އެވެ. ޒުހާގެ މަރުގެ ހަގީގަތް އަދި ތިލައެއް ނުވެ އެވެ. މަސްތުވާތަކެތިން ސަމާލަތްވުމަށް ފަރުވާ ހޯދަމުންދިޔަ ޒުހާގެ މަރާމެދު ކުރެވޭ ސުވާލުތައް ގިނަ އެވެ.

މަރުވި ރޭ މަންމައަށް ގުޅި، ނުރައްކަލެއްގެ ވާހަކަ ނުދައްކާ

ޒުހާގެ ކުއްލި މަރާ ގުޅިގެން އިއްޔެ މެންދުރުފަހު އޭނާގެ މަންމަ ވަނީ މާލެ އައިސްފަ އެވެ. އެމްޑީޕީގެ މުޒާހަރާތަކުން އާންމުކޮށް ފެންނަ ނައީމާ މުހައްމަދު (ނައީމައްތަ) މާލެ އައުމުން، ފުލުހުން ވަނީ ފިނިކޮށާރުގައި ބާއްވާފައި އޮތް އޭނާގެ ދަރިފުޅުގެ ހަށިގަނޑު ދައްކާފަ އެވެ.

ދަރިފުޅު މަރުވި ހަބަރާއެކު ކުއްލި ހާސްކަމެއްގައި ހުރި ނައީމައްތަ "ސަން"އަށް ބުނީ އޭނާގެ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައި އަނިޔާކޮށްގެން ކަމަށެވެ. އެ ތުހުމަތު ކުރެވެނީ ދަރިފުޅުގެ ހަަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ކަމަށް އޭނާ ބުންޏެވެ.

"އެއީ ބަޔަކު ކުރި ކަމެއް. ގަސްތުގައި މަރާލީއޭ ބުނެވޭނީ، އަޅުގަނޑުގެ ލޮލުން ބަލާފައި މި ބުނަނީ. ކަރުގައި ބާރަށް ހިފާފައި ހުރި ކަން އެހެރީ ފެންނަން. ކަރުގެ ދެ ތަނަކުން ހިފާފައި އެބަހުރި،" އުމުރުން 57 އަހަރުގެ އެކަނިވެރި މައެއް ކަމަށްވާ ނައީމައްތަ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅުގެ ފަލަމަސްގަނޑުގައި ވެސް ބާރަށް ހިފާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ފަަލަމަސްގަނޑުގައި ބާރަށް ހިފުމުން އަތުގެ އިނގިލިތައް އަރާ ގޮތަށް ނޫފައިގެންފައިވާ ނިޝާނެއް ފެންނަ ހުރި ކަމަށް ނައީމައްތަ ބުންޏެވެ.

ހިތާމަވެރި އަޑަކުން ވާހަކަ ދައްކަމުން ނައީމައްތަ ބުނީ އެންމެ ފަހުން ދަރިފުޅާ ވާހަކަ ދެއްކުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. ޒުހާ މަރުވެފައި އޮއްވާ ފެނުނީ އެރޭ ފަތިހު އެވެ. އާންމުކޮށް ގުޅާ ހަދާ ޒުހާއަށް ބައެއްގެ ފަރާތުން ގޯނާއެއް ލިބެމުންދާ ވާހަކަ ދައްކާފައި ނުވާ ކަމަށް ނައީމައްތަ ބުންޏެވެ. އަދި ބުނީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ވާހަކައެއް ވެސް ދައްކާފައި ނުވާ ކަމަށް ނައިމާއްތަ ބުންޏެވެ.

ކުރިން ކައިވެނިކޮށްފައިވާ ޒުހާގެ ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ. އެކުއްޖަކު ބަލަހައްޓަނީ ދަރިފުޅުގެ އާއިލާއިންނެވެ.

ހީވަނީ އަބަދު މަސްތުވެފަ ހުންނަހެން، އުޅެނީ ފިރިހެނަކާއެކު

ޒުހާ މަރުވެފައި އޮއްވާ ފެނުނު ގ. ދޫހިމެރި ގޯޅީގައި ދިރިއުޅޭ މީހަކު ބުނީ ޒުހާ އެ ސަރަހައްދުން ފެންނަން ފެށީ ވަރަށް ފަހުން ކަމަށާއި އޭނާ ފެންނަ ކޮންމެ ދުވަހަކު ހުންނަނީ މަސްތުވެފައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ އެންމެ ގިނައިން ވަދެ ނުކުމެ ހަދަނީ ދޫހިމެރި ގޯޅީގައި ހުންނަ ގ. ޑްރޫމް ގެއިންނެވެ. އެގޭގެ މީހުން ވެސް އެކަމަށް އެއްބަސްވެ އެވެ. އެ ގެއިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އަންހެނަކާއެކު އޭނާ އެގެއަށް ވަދެ އުޅޭ ކަމަށާއި ނަމަވެސް އޭނާ ދިރިއުޅެނީ އެ ގޭގައި ނޫން ކަމަށެވެ.

ޒުހާގެ އަވަށްޓެރިން "ސަން"އަށް ބުނީ ޒުހާ އުޅެނީ ޑްރޫމް ގެއަށް ނިސްބަތްވާ ފިރިހެނަކާއެކުގަ އެވެ. އެ ފިރިހެން މީހާއަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް އަވަށްޓެރިން ތުހުމަތު ކުރެ އެވެ. ޒުހާ އާއި އެ ފިރިހެން މީހާ އާއި ގުޅުން އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު އެ ދެމީހުން އެކުގައި ގިނަ ވަގުތު އުޅޭ މަންޒަރު އެ ސަރަހައްދުގެ މީހުންނަށް ފެންނަ ކަމަށްވެ އެވެ.

ޒުހާ މަރުވެފައި އޮއްވާ ފެނުނު ގޯޅިގަނޑު: އެ ގޯޅިގަނޑުގެ ތެރޭގައި ހުންނަ ދެ ގެއެއް-- ސަން ފޮޓޯ/ އަލީ ނަސީރު

ޒުހާ މަރުވެފައި އޮށްވައި ފެނިފައިވާ ލާލުގެ ގޯޅިގަނޑުގައި ދެ ގެއެއް ހުރެ އެވެ. އެއީ ލާލުގެ އާއި ލާލުކުރި އެވެ. އެ ގެތަކުގައި ގިނަ ބަޔަކު ދިރިއުޅެ އެވެ. އަބަދުވެސް އެ ގެތަކުން މީހުން ވަދެ ނުކުމެ ހަދަ އެވެ. ޒުހާ މަރުވެފައި އޮއްވާ ފެނުނު ރޭ ވެސް އެ ގެތަކުގައި މީހުން ހޭލައި އުޅުނެވެ. ލާލު ގެއިން "ސަން"އާ ވާހަކަ ދެއްކި އަންހެނަކު ބުނި ގޮތުގައި އެ ރޭ 3 ޖެހިއިރު ވެސް އެ ގޯޅީގައި މީހުން ހިނގާބިނގާވެ އުޅުނެވެ.

"އަހަރެމެން ގެ ބަދަލުވާންވެގެން އެއްޗެހި ބަދަލު ކުރަމުން ދިޔައީ، 3:00 ޖެހިއިރުވެސް މިތާ (ގޭދޮރަށް އިޝާރާތްކޮށް) ހުރިން، އޭރު ތިކަހަލަ (މީހަކު މަރާލުން) އެއްވެސް ކަމެއް ގޯޅިގަނޑުގެ ތެރޭގައި ނުހިނގާ،" އެގެއިން ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.

އެ މީހުންގެ ވާހަކަތަކަށް ބަލާއިރު ޒުހާ އެ ގޯޅިއަށް ގެނެސްފައި އެ ވަނީ އެ ރޭ 3:00 އާއި 5:45 އާ ދެމެދު އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތަހުގީގުން އެނގިފައިވާ ގޮތުގައި މިއީ ގުދުރަތީ ގޮތުން މަރުވެފައިވާ މަރުވުމެއްނޫނެވެ. މީގެ އިތުރުން، މިހާތަނަށް ތަހުގީގުގައި ހޯދުނު ހޯދުންތަކުން ތުހުމަތު ކުރެވެނީ ހައްވާ ޒުހާ މަރާލުމަށްފަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއަށް އެއްލާލާފައި އޮތްކަމަށް ކަމަށް ފުލުހުން ބުނެއެވެ.

ގާތިލުން ހޯދަން ޒުހާގެ މަރުގެ ތަހުގީގު ހަލުވި ބާރު މިނުގައި

ޒުހާ މަރުވެފައި އޮތްވާ ފެނުނު ގެ ހުންނަ ސަރަހައްދަށް "ސަން"ގެ ނޫސްވެރިން ރޭ ދިޔައިރު ވެސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެވެ. އާންމުންނާ ސުވާލުކޮށް، އެ ސަރަހައްދުގެ ފިހާރަތަކާއި ގެތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ އެވެ. ފުލުހުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދަނީ ޒުހާގެ މަރުގެ އަޑި ހޯދުމަށެވެ. ގާތިލުންނާ ހިސާބަށް ވާސިލްވުމަށެވެ.

ޒުހާ މަރުވެފައި އޮއްވާ ފެނުނު ރޭގެ ދަންވަރު ބަޔަކު އެ ސަރަހައްދުގައި މަޑުކޮށްލައިގެން--

ޒުހާގެ މަރަކީ "ގަސްތު މަރެއް" ކަމަށް ފުލުހުން ބުނީ އެ މަރުގެ މައްސަލަ ފެންމަތިވިތާ 12 ގަޑިއިރު ނުވަނީސް އެވެ. ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޒުހާ "މަރާލުމަށްފަހު ގޯޅީގެ ތެރެއަށް އެއްލާލި" ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ އެ ވާހަކަތަކުގެ ހަގީގަށް ހޯދުމަށް ސަން އިން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ހޯދައި، ހަގީގަތަށް ވާސިލްވުމަށް މަސައްކަތްކޮށްފަ އެވެ. ސަންއިން ވަނީ އެ ގޯޅި ހިމެނޭ ސަރަހައްދު ފެންނަ ގޮތަށް އެ ރޭ ރިކޯޑް ކުރެވިފައިވާ ސީސީޓީވީ ފްޓޭޖެއް ބަލާފަ އެވެ. ވީޑިއޯ ފޫޓޭޖަކުން ލާލުގެ ހުންނަ ގޯޅިއަށް ޒުހާ ވައްދާތަނެއް ނުފެނެ އެވެ. ޒުހާ މަރުވެފައި އޮއްވާ ފެނުނު ރޭގެ ހަ ގަޑިއިރުގެ ވީޑީއޯ ފޫޓޭޖުން އެ މަންޒަރު ސާފުކޮށް އަދި ނުފެނެ އެވެ.

ްޒުހާގެ މަރަކީ އާދައިގެ މަރެއް ނޫނެވެ. ރޭވުމެއްގެ ތެރޭގައި ބަޔަކުކޮށްފައިވާ އަނިޔާވެރި އަމަލެކެވެ. މިއީ މިދިޔަ އަހަރު ފެށުނުއިރު ވެސް ފެނިގެން ދިޔަފަދަ އަނިޔާވެރި އަމަލެކެވެ. އިބްތިހާލުގެ މަރާއެކު ފެށުނު 2015 ވަނަ އަހަރު ނިމުނީ ޖުމްލަ ނުވަ މަރާއެކުގަ އެވެ. މިދިޔަ އަހަރު ނިންމާލީ ފިރިމީހާގެ ޖިންސީ އަނިޔާތަކުގައި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ މަރުންނެވެ.

އެ މަރުތަކަށް އިންސާފު ނުލިބި ވަނިކޮށް، މިއަހަރު ވެސް އެފަދަ އަނިޔާވެރި އަމަލުތައް ތަކުރާރުވާން ފުރުސަތު ދީގެން ނުވާނެ އެވެ.