ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ފަރާތްތަކާ ދެކޮޅަށް ޓޫރިޒަމް އިންޑަސްޓްރީން ނުކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޔޮޓު ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޗެނަލް13ގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ރާއްޖޭގެ އިގްތިޞާދު ހަލާކުކޮށްލަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ފަރާތްތަކާ ދެކޮޅަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެކައްޗެއް ކިޔުމަށްފަހު ނުކުތުމަށް ޖާބިރު ގޮވާލެއްވިއެވެ.

"އަޅުގަނޑު ގޮވާލަން މަޓީއަށް ވެސް މަޓާޓޯއަށް ވެސް އަޅުގަނޑުމެން އިންޑަސްޓްރީ މީހުން އެކައްޗެއް ކިޔާފަ ނިކުންނަން އެބަޖެހެއޭ. އިދިކޮޅަށް ލޮބީކުރަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ނެތިއްޖެނަމަ ރާއްޖެ ނުހިނގާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ފަންސާހުގެ އަހަރުތަކަށް ރާއްޖެ ވެއްޓިދާނެ ކަމަށެވެ.

"އެއީކީ އަޅުގަނޑުމެން ގަބޫލުކުރާނެ ވާހަކައެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން ނައުމަށް ބަޔަކު ގޮވާލަމުންދާއިރު، ރާއްޖެއަށް ފަތުރުވެރިން ނާންނަންވީ މައްސަލައެއް ނެތް ކަމަށާއި ބޭރުގެ ފަރާތްތަކަށް ރާއްޖެއާ ގުޅޭ ދޮގު މައުލޫމާތުދިނަސް އެވާހަކަ ގަބޫލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިހާރު ރާއްޖެއިން ޓާގެޓު ކުރަންވީ ތިން މިލިއަން ޓޫރިސްޓުންނަށް ކަމަށާއި މި ސަރުކާރަށް އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ކަންކަން ކުރެވޭވަރުގެ ގާބިލު ބޭފުޅެއްކަމުގައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ހައިސްޕީޑުގައި ކަންކަންކުރަން ސަރުކާރުން ވިސްނާފައި މިއޮތީ. ވަރަށް ގިނަ ކަންތައްތައް ރަނގަޅަށް ކުރައްވާކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޚާއްސަކޮށް ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖެ ސިންގަޕޫރުފަދަ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުވެގެންދިޔުން ވަރަށް ފާސްޓު ރޭޓެއްގައި. އެކަމަށްޓަކައި އެބަޖެހޭ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓު އަންނަން،" ޖާބިރު ވިދާޅުވިއެވެ.