08 Jan 2016, 02:08
ކ. ގުޅިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް އެ އަތޮޅު ފުށިދިއްގަރު ފަރަށް އެރުމުން އޭގައި ތިބި މީހުން ސަލާމަތްކޮށް މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ، "ސޫރިޔާ ޓާބިޓް 68" ނަމަކަށްކިޔާ އެ ބޯޓު ފަރަށް އެރިއިރު، އޭގައި ދެ ދިވެހިންނާއި 14 ބިދޭސީން ތިބި ކަމަށެވެ. ބޯޓު ފަރަށް އެރުމުން ކ. ގުޅީ ކައުންސިލުގެ އެހީތެރިކަމާއެކު އެމީހުން އެރަށަށް ގެންގޮސް، މިރޭ ގާތްގަނޑަކަށް 23:20 ހާއިރު ކޯސްޓްގާޑާ ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ މީހުން ވަނީ އަނބުރާ މާލެ ގެނެސްފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ކ. އަތޮޅުގެ ފަރަކަށް ބޯޓެއް އަރާފައިވާއިރު، މެދުތެރެއާ އުތުރުގެ އަތޮޅަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ މައި އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ ފުށިދިއްގަރު ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.