ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ އާއި، ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ގުޅިގެން ހިންގި ބައިނަލްއަގްވާމީ ކެމްޕެއިން "ފޭންސް ޑޫ ވޮންޑާޒް" ކާމިޔާބުކުރި ފަރާތްތަކުން ގަތަރުގެ ވެރިރަށް ދޯހާއަށް ގޮސް، ޕީއެސްޖީގެ ކުޅުންތެރީންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފިއެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ "ފޭންސް ޑޫ ވޮންޑަރޒް" ކާމިޔާބުކުރި ފަރާތްތައް، ދޯހާއަށް ގެންގޮސް، ޕީއެސްޖީގެ ޕްރައިވެޓް ޓްރެއިނިން ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ފަރާތްތަކަށް ދީފައެވެ. އަދި މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، ގަތަރުގެ އަލް ސައްދު ސްޓޭޑިއަމްގައި ޕީއެސްޖީއާއި އިންޓަ މިލާން ކުޅުނު މެޗު ބަލާލުމުގެ ފުރުސަތުވެސް އެފަރާތްތަކަށް ވަނީ ދީފައެވެ.

"ފޭންސް ޑޫ ވޮންޑާޒް" ކާމިޔާބުކޮށްގެން ރާއްޖެއިން ގަތަރަށް ގޮސް ޕީއެސްޖީގެ މެޗެއް ބަލައިލުމާއި އެ ކްލަބްގެ ޓްރެއިނިން ސެޝަނެއްގައި ބައިވެރިވުމުގެ ލިބުނު އިސްމާއީލް އިމްދާދު ބުނީ، މިއީ ކުރިން އުންމީދުކުރެވިފައިވެސް ނުވާފަދަ ބޮޑު އުފަލެއް ކަމަށެވެ.

"މި ފުރުސަތު ލިބޭނޭ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން. ޕީއެސްޖީގެ ކުޅުންތެރީންނާ ބައްދަލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ފުރުސަތު ހޯދައިދިން ކަމަށްޓަކައި އުރީދޫއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" އިމްދާދު ބުންޏެވެ.

އުރީދޫގެ "ފޭންސް ޑޫ ވޮންޑާޒް" ކާމިޔާބު ކުރި ބައެއް ޒުވާނުން ޕީއެސްޖީ ކުޅުންތެރީންނާއެކު -- ފޮޓޯ: އުރީދޫ

ފޭން ޑޫ ވޮންޑާޒް ކެމްޕެއިންގެ ވީޑީއޯއަށް ޔޫޓިއުބުން ލިބުނު 13 މިލިއަން ވިއުސްއާއެކު އެ ކެމްޕެއިން ވެގެން ގޮސްފައި ވަނީ، އުރީދޫ ގްރޫޕަށް ރެކޯޑްތަކެއް މުގުރާލަދިން ކާމިޔާބު ކެމްޕޭނަކަށެވެ.

"ޕީއެސްޖީގެ ޓީމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޮނުވި މެސެޖުތަކުން އެންމެ ފާހަގަކުރެވުނު އެއް މެސެޖް، ރާއްޖޭގެ ޒުވާނެއް ފޮނުވައި، ފޭން ޑޫ ވޮންޑާޒް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު އުފަލެއް. މި ކެމްޕޭނަކީ ޕީއެސްޖީއާ ގުޅިގެން ބައިނަލްއަގްވާމީ ޕާޓްނަރެއް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކެމްޕޭން. އުރީދޫއާއި ޕީއެސްޖީގެ ޕާޓްނާޝިޕްގެ ދަށުން ދުޅަހެޔޮ ސިއްހަތު ދެމެހެއްޓުމަށާއި ޒުވާން ކުދީންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ޕީއެސްޖީގެ އެންމެ މަޝްހޫރު ފަސް ކުޅުންތެރީން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ، ޑޭވިޑް ލުއިޒް، ބްލައިސް މަޓުއިޑީ، އަދި ލޫކަސް މޯރާ ހިމަނައިގެން ވަރަށް ތަފާތު ގޮތަކަށް ކުރިއަށް ގެންދިޔަ ކެމްޕޭނާ ގުޅޭ ގޮތުން އުރީދޫ ގްރޫޕްގެ ސީއީއޯ ޝޭޚް ސައުދު ބިން ނަސީރު އަލް ޘާނީ ވިދާޅުވީ، މި ކެމްޕޭން މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ކުޅިވަރުގެ ރޫހާއި ދުޅަހެޔޮ ދިރިއުޅުމާ ބެހޭގޮތުން މުހިއްމު މެސެޖްތަކެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

"ކުރިމަގުގެ ފުޓްބޯޅަ ތަރީންތަކަކަށް އަޅުގަނޑުމެންގެ ޓެކްނޯލޮޖީ މެދުވެރިކޮށް ހިތްވަރު ދީފިން،" ޝޭޚް ސައުދު ބިން ނަސީރު އަލް ޘާނީ ވިދާޅުވި އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚަލީފާ ވިދާޅުވީ، އުރީދޫގެ ފޭން ޑޫ ވޮންޑާޒްގެ ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް އުރީދޫއާއެކު އަތާއަތްގުޅާލައިގެން މަސައްކަތްކުރާން ފުރުސަތު ލިބުމަކީ އެ ކްލަބަށް ވެސް ލިބުނު ވަރަށް ބޮޑު ފަޚްރެއް ކަމަށެވެ.

އުރީދޫއިން ޕީއެސްޖީއާއެކު ޕާޓްނާޝިޕެއް ގާއިމުކޮށްފައި ވަނީ 201 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫއާއި ޕީއެސްޖީން ދަނީ، ދެކުނު އިރުމަތި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންނާއި މުޖްތަމައުގެ ތަރައްގީއަށްޓަކައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.