އިނގިރޭސި ވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމްއާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއަށް ތިންވަނަ ބޭފުޅަކު ލިބެން އުޅޭކަމަށް، އެބޭފުޅުންނާ އަރިސް ފަރާތެއް މީޑިޔާގައި ހާމަކޮށްފި އެވެ.

އިނގިރޭސި ތަޚްތަށް ދެން އިސްކުރެވޭނެ ބޭފުޅާ ކަމުގައިވާ، ވަލީއަހުދު ވިލިއަމްއަށް ތިންވަނަ ދަރިފުޅު ލިބެން އުޅޭކަމުގެ ޚަބަރު ހާމަވެފައިވާ އިރު، ވިލިއަމްއާއި ކޭޓްއަށް އަންހެން ދަރިކަނބަލަކު ލިބުނުތާ އަދި ވީ އަށް މަހެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަންގެ އަރިސް ފަރާތުން "ލައިފް އެންޑް ސްޓައިލް" މަޖައްލާއަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި، އެ ދެބޭފުޅުންނަށް އަނެއްކާވެސް ދަރިކަލަކު ލިބެން އުޅޭކަމުގެ ޚަބަރު އެބޭފުޅުން ޝާހީ އާއިލާއާ ހިއްސާ ކުރެއްވީ، ނިމިދިޔަ ޑިސެމްބަރު މަހުއެވެ. އަދި މިހާރު ކޭޓްގެ ބަނޑަށް ދެ މަސް ވެދާނެ ކަމަށް ވެސް އެފަރާތުން ބުނެފައި ވެ އެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަން ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އެ ދެކަނބަލުންގެ ކައިވެންޏަށް އެންމެ ފުރަތަމަ ލިބުނު ދަރިކަލަކީ ޕްރިންސް ޖޯޖް އެވެ. ޕްރިންސް ޖޯޖް އުފަންވެވަޑައިގެންފައި ވަނީ 22 ޖުލައި 2013ގައެވެ. އެއަށް ފަހު ޕްރިންސް ވިލިއަމްގެ ދެކަނބަލުންނަށް ވަނީ، 2015 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް ވެސް ލިބިވަޑައިގެންފައެވެ.

ޕްރިންސް ވިލިއަމްގެ ދެކަނބަލުންނަށް ތިންވަނަ ބޭފުޅަކު ލިބެން އުޅޭކަމުގެ ޚަބަރު، އެބޭފުޅުންގެ ގާތް ފަރާތަކުން މީޑިއާއަށް ކިޔައިދީފައި ވީ ނަމަވެސް، މިކަން އިނގިރޭސި ޝާހީ އާއިލާއިން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.