މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ ޔުނީފޯމެއް ތައާރަފްކޮށް، އެ ކުންފުނީގެ ވެބްސައިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް އާ ޔުނީފޯމެއް ތައާރަފްކޮށް، ބަދަލުތަކާއެކު ވެބްސައިޓް އަލުން ލޯންޗުކޮށްފައިވަނީ އެ ކުންފުންޏަށް 35 އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ.

ޔުނީފޯމަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ސަން އަށް ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ، ކުރިން އެކި ދާއިރާތަކުގެ މުވައްޒަފުން އެކި ވައްތަރުގެ ޔުނީފޯމް ބޭނުންކުރި ނަމަވެސް، އާ ބަދަލާއެކު މުވައްޒަފުންގެ ޔުނީފޯމް އެއްގޮތް ވާނެ ކަމަށެވެ.

އެގޮތުން އާ ޔުނީފޯމާއެކު އެމްޓީސީސީ ޓީމެއްގެ ގޮތުގައި ފެނިގެންދާއިރު، މުވައްޒަފުގެ ނަމާ މަގާމް ހިދުމަތްހޯދާ ކަސްޓަމަރަށް ފެންނަން ހުންނާނެ އެވެ.

"އާ ބަދަލާއެކު ކުންފުނީގެ ލޯންޗު ޑިޕާޓްމަންޓާއި ފެރީ ޑިޕާޓްމަންޓުގެ މުވައްޒަފުން ބޭނުންކުރާނީ އެއް ޔުނީފޯމެއް. އަދި އެމްޓީސީސީއަކީ ކަސްޓަމަރުންނަށް ހިދުމަތްދޭ ތަނަކަށްވާތީ، ޝޯރޫމުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޓިކެޓް ކައުންޓަރުތަކުން ހިދުމަތްދޭ މުވައްޒަފުން ބޭނުންކުރާނީ އެއް ޔުނީފޯމެއް،" އެމްޓީސީސީގެ ސީއީއޯ ހަލީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޓީސީސީއަކީ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާ ކުންފުންޏަކަށްވާތީ، ކުންފުނީގެ ވެބްސައިޓަށް ގެނައި ބަދަލާއެކު އާއްމުންނާއި މީޑިއާ އަދި ކުންފުނީގެ ޝެއާ ހޯލްޑަރުންނަށް ފަސޭހަކަމާއެކު އެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް ގޫގުލް އާތު މެދުވެރިކޮށް ފެންނާނެ ގޮތް ހަދާފައިވާއިރު، ކުންފުނިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދެމުންދާ ބަސް އަދި ފެރީގެ ހިދުމަތްތަކުގެ ޝެޑިއުލްތަކާއި އަގުތައް ވެސް ވެބްސައިޓް މެދުވެރިކޮށް މިހާރު ބަލާލެވޭނެ އެވެ.

މީގެ އިތުރުން، އެ ކުންފުނިން ވިއްކާ ބައެއް އެއްޗެހީގެ ތަފްސީލުތައް ވެސް ވެބްސައިޓުން ފެންނާނެ އެވެ. އެގޮތުން ކުންފުނިން ވިއްކާ ޔަންމާ އިންޖީނެއްގެ ތަފްސީލުތައް ފިހާރައަށް ދިއުމުގެ ކުރިން މިހާރު ބަލައިލެވޭނެ އެވެ.

މިރޭގެ ޖަލްސާގައި އެމްޓީސީސީއަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައެވެ.