ޑޮލަރުގެ އަޑު ބޮޑުވުމުގެ ސަބަބުން ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންތަކަކަށް ކިޔެވުން ހުއްޓާލާފައި އަނބުރާ އަންނަން ޖެހިދާނެ ކަމަށާއި އެ ކުދިންނަށް ސަރުކާރުން އެހީވާން ޖެހޭނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އަމިއްލަ ހަރަދުގައި ކިޔަވާ ކުދިން އާންމުކޮށް ކިޔަވަނީ ކުރިން އާމްދަނީ ލިބޭ މިންވަރަށް ބަރޯސާވެ ހުރެގެން ކަމަށެވެ. އެކަމަކު ސަރުކާރުން ޑޮލަރުގެ އަގު 20 ޕަސެންޓް ބޮޑު ބޮޑު ކުރުމުގެ ސަބަބަން ވަރަށް ގިނަ ދަރިވަރުން ކިޔެވުން ހުއްޓާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގު ސަރުކާރުން ހިފަހައްޓާ ފަދައިން ބޭރު ގައުމުތަކުގައި އަމިއްލަ ހަރަދުގައި ކިޔަވަން ތިބޭ ކުދިންނަށް ވެސް ސަރުކާރުން އެހީވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"...ކާޑާ މިކަންތައްތައް ރައްޔިތުންނަށް ލުއި ކޮށްދިނުމުގައި ހިފަހައްޓާ އުސޫލުން ކީއްވެގެންބާއޭ ސަރުކާރުން ރާއްޖެ އިން ބޭރުގައި ތައުލީމް ހާސިލް ކުރަން ތިއްބެވި ކުދިންނަށް ވެސް ލުއި ގޮތެއް ހޯއްދަވައި ނުދެއްވަނީ،" ތަސްމީން ވިދާޅުވި އެވެ. "އެއީ އަތްފޯރާ ހިސާބުގައި އެބޭފުޅުންނަށް ޑޮލަރު ލިބޭނެ ގޮތެއް އިންތިޒާމްކޮށްދިނުން ނޫނީ ސަރުކާރުން މިހާރު ވެސް ބައެއް އެހެން ކަންތައްތަކުގައި އަމަލު ކުރާ ގޮތަށް ސަބްސިޑީއެއް ދިނުން،"

ތަސްމީން ވިދާޅުވީ ހަގީގަތުގައި ޑޮލަރުގެ މައްސަލަ ޖެހެން ދިމާވި ސަބަބަކީ ސަރުކާރުގެ ހަރަދުތައް ބޮޑުވެގެން ދިޔުމުން ކުރިން ސާކިއުލޭޝަންގައި ނެތް ފައިސާ ބާޒާރަށް ނެރުން ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ ސަރުކާރުގެ ހަރަދުތައް މަދު ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ކޮށްގެން ނޫނީ ރާއްޖެ އަށް އާމްދަނީ ލިބޭ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ.

ތަސްމީން ވިދާޅުވީ މިހާރު ސަރުކާރުން ކުރި ކަމަކީ ބްލެކް މާކެޓުގައި ޑޮލަރު ވިއްކަމުންދާތީ އެކަން ގާނޫނީ ގޮތުން ހުއްދަ ކުރުން ކަމަށެވެ. އަދި އެކަމަކުން ޑޮލަރުގެ އަގު އުފުލުމުގެ މައްސަލައަށް އެއްވެސް ހައްލެއް ނާންނާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނިންމިދާނެ ވައްކަމަކީ ދެން ދިވެހިރާއްޖޭގައި ކުށެއް ނޫނޭ. އޭރުން ދެން ކުށުގެ ރެކޯޑް ދަށްވެގެންދާނެ. އެކަމަކު ވައްކަން ކުރާ މީހުންނެއް މަދެއް ނުވާނެ،" ޑޮލަރުގެ މައްސަލައަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މިސާލު ޖައްސަވަމުން ތަސްމީން ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ޑީއާރްޕީން ބޭއްވި މުޒާހަރާގައި މަދު ބަޔަކު ބައިވެރިވެ، ޑީއާރްޕީގެ ފެކްޝަނުން ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ތަސްމީން ވިދާޅުވީ މުޒާހަރާ ކުރުމަކީ ޑީއާރްޕީން އެންމެ ރަނގަޅަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ކުރިން އެ ޕާޓީގެ ފަރާތުން މުޒާހަރާތަކުގައި ބައިވެރިވެ އެފަދަ ކަންތައްތައް އިންތިޒާމް ކުރާ ފަރާތްތައް މިހާރު ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ތަސްމީން ފާހަގަ ކުރެއްވި އެވެ.

"މުޒާހަރާ ކުރުމަކީ އަޅުގަނޑުމެން އެކަމަށް އެންމެ ހުށިޔާރު ކަންތަކެއް ނޫން. އެކަން އެނގޭނެ. އެހެން ނަމަވެސް އަޅުގަނޑުމެން ގަސްދު ކުރީ އަޅުގަނޑުމެން އެކަމާ އިދިކޮޅު ހަދާ ކަމަށްވާ ނަމަ އަޅުގަނޑުމެން ލީޑާޝިޕުން އުފުލަން ޖެހޭ ޒިންމާ އުފުލުން،" ތަސްމީން ވިދާޅުވި އެވެ. "މީގެ ކުރިން އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މުޒާހަރާތައް ބާއްވާ ހެއްދެވި ގިނަ ބޭފުޅުން މި ވަގުތު އަޅުގަނޑުމެންނާ ހިޔާލު ތަފާތުކޮށް އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތް ކުރަމުން މި ދަނީ. އެހެންވީމާ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންނަށް މިވަގުތު ނުކުމެ މާ ފުޅާ މުޒާހަރާއެއް ކުރެވިދާނެ ކަމަކަށް."

މީގެ އިތުރުން ތަސްމީން ވިދާޅުވީ ސަރުކާރުން ހަދާ ގޯސްތަކުގެ ސަބަބުން ބައެއް ބޭފުޅުންގެ ފާޑުކިޔުން ޑީއާރްޕީއަށް އަމާޒުވާ ކަމަށެވެ. އެކަމަކު ތަސްމީން ވިދާޅުވީ ސަރުކާރުން ގޯސްކޮށް ކަންތައް ކުރުމަކީ ޑީއާރްޕީ ޒިންމާވަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށެވެ. އަދި މާރާމާރީ އާއި ކުށްތައް ނުހުއްޓިގެން އުޅެނީ ގާނޫނު ނެތިގެން ނޫން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މާރާމާރީ އާއި ކުށްތައް ހުއްޓުވުމުގައި މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މިހާރު ވެސް ހުކުމްކޮށްފައިވާ މީހުން ރަނގަޅަށް ބެލެހެއްޓުން ކަމަށާއި އެއީ ގާނޫނެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އެހީއެއް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.