ރާއްޖޭގައި ކުށްކުރުން އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާއިރު ކުށް ކުރާ މީހުން ވެސް މިދަނީ ގާނޫނީ ދިގު އަތުން ސަލާމަތްވާން ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ. ކުށް ކުރާއިރު އެހެން ބަޔަކަށް ނުފެންނަ ގޮތަށް ކުށުގެ އަމަލު ހިންގުމާއި ކުށް ކުރުމަށް ފަހު އެތަނުން ލިބެން ހުންނަ ފޮރެންސިކް ހެކިތައް ވެސް ނައްތާލުމަކީ ކުށުގެ ތުހުމަތުން ސަލާމަތްވާން ކުށްވެރިން ބޭނުންކުރާ އުކުޅުތަކެވެ.

މީގެ ތެރެއިން ވެސް ފާހަގަކުރެވެނީ މަރުގެ މައްސަލަތަކެވެ. މީގެ އަހަރުތަކެއް ކުރިން މީހަކު މަރާލައިފި ނަމަ ކޮންމެވެސް ގޮތަކުން އެ ކުށްކުރި ބަޔަކު ނުވަތަ އެކަމުގައި ބައިވެރިވި ބަޔަކު ހޯދެ އެވެ. އޭރު ގާނޫނީ ނިޒާމް އޮތީ ވެސް ފުލުހުން ބޭނުންވާ ގޮތަށް އެކަން ކުރެވޭ ގޮތަށެވެ. އެކަމަކު މިހާރު އެ ފުރުސަތު ފުލުހުންނަށް އޮތީ ވަރަށް ހަނިކޮށެވެ. ނަތީޖާއަކީ ގޮތް ނޭނގޭ މަރުތައް އިތުރުވެގެން ދިއުމެވެ. އެތައް ދުވަހެއް ވެގެންދާ އިރު ވެސް އެފަދަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ނުވަތަ އެކަމުގައި އަޑީގައި ތިބި ބަޔަކު ނުހޯދުމެވެ.

ކުށްކުރި މީހުން ހޯދަން ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފާ ކަމަށް ފުލުހުން އަބަދު ވެސް ބުނެ އެވެ. އެންމެ ފަހުން ފެންމަތިވި ދެ މަރުގައި ވެސް މަރުވި އަސްލު ސަބަބު ހޯދަން އެ ދެ މީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމައިފަ އެވެ. އެކަމަކު ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ބޭނުން ކުރާ ޕޮލިގްރާފް ޓެސްޓް ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހާ ދޮގު ހަދާކަން ނުވަތަ ނޫންކަން ދެނެގަންނަ ޓެސްޓް ރާއްޖޭގައި ހަދަނީ ކިހާ މިންވަރަކަށްތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.

ޕޮލިގްރާފް ޓެސްޓަކީ ތުހުމަތުކުރެވޭ މީހާގެ ހަށިގަނޑަށް މެޝިނެއް ގުޅައި، އޭނާއާ ކުރާ ސުވާލުތަކަށް އޭނާ ޖަވާބު ދެނީ ތެދަށް ތޯ ނުވަތަ ނޫން ތޯ ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. އެ ޓެސްޓުގައި ހަމައެކަނި ކުރެވޭނީ "އާއެކޭ" ނުވަތަ "ނޫނެކޭ" ޖަވާބު ދެވޭ ސުވާލުތަކެވެ. ތުހުމަތު ކުރެވޭ މީހާގެ ހިތުގެ ވިންދާއި ނޭވާލުމާއި އިތުރު އެހެން ވެސް ބައެއް ކަންކަމަށް ބަލައި އެ މެޝިނުން ދައްކާ އެ ޓެސްޓުގެ ނަތީޖާއަކީ 70 ޕަސެންޓް ރަނގަޅު ނަތީޖާއެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެކަމަކު ސައްތައިން ސައްތަ ނަތީޖާ ނެރެވޭ އެފަދަ މެޝިނެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު މަރުހަލާތަކުގައި ޕޮލިގްރާފް ޓެސްޓް ބޭނުން ކުރަން ޖެހޭ ހާލަތުގައި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގުތަކުގައި ބޭނުންކުރަން ޖެހުނު ކޮންމެ ވަސީލަތެއް ވެސް ފުލުހުން ބޭނުން ކުރަމުންދާ ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެކަށީގެންވާ މައުލޫމާތު ހޯދުމަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ފުލުހުން ދަނީ ބޭނުން ކުރަމުން. އެގޮތުން ޕޮލީގްރާފް ޓެސްޓް ވެސް ފުލުހުންގެ ތަހުގީގު މަރުހަލާގައި ހަދާ. ޕޮލީގްރާފް ޓެސްޓް ތަހުގީގުގައި ބޭނުން ނުކުރާކަން އެނގިފައެއް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް 'ސަން' އަށް އެނގިފައިވާ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ޕޮލިގްރާފް ޓެސްޓް ހަދާފައެއް ނުވެ އެވެ. އަދި ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި ވެސް ލައި ޑިޓެކްޓަރު ނުވަތަ ޕޮލިގްރާފް ޓެސްޓެއް ބޭނުން ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޮލިގްރާފް ޓެސްޓެއް ހަދައި ހެއްކެއްގެ ގޮތުން ކޯޓަށް ހުށަހަޅާފައި ވަނީ 2010 ވަނަ އަހަރު އެވެ. ރީތިރަށް ރިސޯޓްގެ މެނޭޖަރަށް ހަމަލާދިން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެތަނުގެ މުވައްޒަފެއްގެ މައްޗަށް ދައުވާކުރި މައްސަލައިގައި އެ ޓެސްޓުގެ ނަތީޖާ ހުށަހެޅިޔަސް ކޯޓުން ނިންމީ ޕޮލިގްރާފް ޓެސްޓަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެކަމަކު ތަހުގީގު މަރުހަލާގައި އެ ޓެސްޓުގެ ބޭނުންކުރެވިދާނެ ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

"ޕޮލިގްރާފް ޓެސްޓަކީ ތަހުގީގު މަރުހަލާގައި ބޭނުންކުރެވިދާނެ އެއްޗެއް ނަމަވެސް އެއީ ޝަރީއަތުގައި ވަކި ގޮތެއް ކަނޑައެޅުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނޫން. ޕޮލިގްރާފް ޓެސްޓަކީ ޝަރީއަތުގައި ގޮތެއް ކަނޑައެޅުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުންނާއި ކެނެޑާގެ ސުޕްރީމް ކޯޓުންވެސް ވަނީ ކަނޑައަޅާފައި،" 2010 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕޮލިގްރާފް ޓެސްޓް ކޯޓުތަކުގައި ހެއްކެއްގެ ގޮތުގައި ބޭނުމެއް ނުކުރެ އެވެ. ކޯޓުތަކުން ނިންމާފައި ވަނީ އެއީ ކޯޓުތަކުގައި ބޭނުން ކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނޫން ކަމަށެވެ. އަވަށްޓެރި އިންޑިއާގައި ޕޮލިގްރާފް ޓެސްޓް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްގެން ހުކުމެއް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ އަންހެނަކު އޭނާ އިންނަން އުޅުނު މީހާ މަރާލި މައްސަލައިގައި 2008 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން 2010 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ގައުމުގެ އެއްވެސް ކޯޓެއްގައި ހެއްކެއްގެ ގޮތުން ޕޮލިގްރާފް ޓެސްޓް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ޕޮލިގްރާފް ޓެސްޓް ޝަރީއަތަށް ގަބޫލު ނުކުރާ ގިނަ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ގޮތުގެ އެ ގައުމުތަކުގެ ގާނޫނު އަސާސީއާ ހިލާފު މަނާ ކަމެއް ކަމަށެވެ. އެކަމަކު އެ ގައުމުތަކުގައި ވެސް ތަހުގީގުތަކުގައި ޕޮލިގްރާފް ޓެސްޓް ބޭނުން ކުރުމުގެ ފުރުސަތު ފުލުހުންނަށް އޮވެ އެވެ. ރާއްޖޭގައި ވެސް ތަހުގީގުގައި އެ ޓެސްޓް ހެދުމުގެ ފުރުސަތު ފަހިވެފައި އޮތަސް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި އެކަން ރާއްޖޭގައި ކުރަން ދަތިތަކެއް އެބަ ހުއްޓެވެ.

ރާއްޖޭގައި ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އެއްވެސް އެއްޗެއް ނުބުނެ، ހަނު ހުރުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދޭތީ ރާއްޖޭގައި ތަހުގީގުތަކުގައި އެ ޓެސްޓް ހެދުމުގައި ބައެއް ދަތިތައް ދިމާވެދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. އެފަދަ ޓެސްޓެއް ހަދަން އުޅުމުން ތުހުމަތު ކުރެވޭ މީހާ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފި ނަމަ އެ ޓެސްޓް ނުހެދޭނެ ކަން ވަކީލުން ފާހަގަ ކުރައްވަ އެވެ. އެހެންވެ، ހައްގުތައް ބޭނުން ކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅިފައި ހުންނަން ޖެހޭ ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.

"ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދެވޭ ހަނު ހުރުމުގެ ހައްގު އެބަޖެހޭ މިން ކުރެވެން. މިސާލަކަށް ބައެއް ބޮޑެތި މައްސަލަތަކުގައި ޕޮލީގްރާފް ޓެސްޓް ހަދަން ބަލާއިރު އެ ހައްގު މިންކުރެވިފައި އޮތުން ވަރަށް މުހިންމު. މިފަހުން ފާސްކުރެވޭ ގާނޫނުތަކުގައި އެބަހުރޭ ހަނުހުރުމުގެ ހައްގު މިން ކުރެވިފައި،" ނަން ނުޖަހަން އެދި "ސަން" އާ ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު ތަހުގީގު މަރުހަލާގައި ޕޮލިގްރާފް ޓެސްޓް ބޭނުން ކުރެވޭ ނަމަ "ތަހުގީގަށް ފަހިކަން" ގެނެސްދޭނެ ކަމަށް އެ ވަކީލް ވެސް ދެކެވަޑައިގަންނަވަ އެވެ. ކޯޓުތަކުގައި ހެއްކެއްގެ ގޮތުން ޕޮލިގްރާފް ޓެސްޓް ބޭނުން ނުކުރިޔަސް ތަހުގީގުތަކުގައި އެ ޓެސްޓް ކުރިއަށް ގޮސްފި ނަމަ މައްސަލައިގެ ތެރެއަށް ފީނައިގަތުމަށް ލިބޭނެ އިތުރު ފުރުސަތަކަށް އެ ޓެސްޓް ވެގެންދާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

ކުށްކުރުން އިތުރުވެގެން ގޮސް، ކުށްކުރުމުގައި ކުށްވެރިން އާ އުކުޅުތައް ބޭނުން ކުރަމުންދާއިރު ތަހުގީގުތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރާ އުސޫލުން ޕޮލިގްރާފް ޓެސްޓް ވެސް ތަހުގީގުތަކުގައި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އެ ޓެސްޓުގެ ނަތީޖާތައް ޝަރީއަތަށް ގަބޫލު ނުކުރިޔަސް ތަހުގީގުތަކުގައި އެފަދަ ޓެސްޓް ބޭނުން ކުރުމުގެ ފުރުސަތު މުޅިން ބަންދެއް ނުވެ އެވެ. އެކަމަކު ތަހުގީގުތަކުގައި އެ ޓެސްޓް ބޭނުންކުރަން ގާނޫނުތަކުގައި ހުރި ގޮންޖެހުންތައް ނައްތާލަން ޖެހެ އެވެ.