07 Jan 2016, 20:40
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް 30 ރެޖިސްޓާޑް ނަރުހުން ބޭނުންވެގެން އިއުލާނުކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރެޖިސްޓާޑް ނަރުހުންގެ މުސާރަ އަކީ 5610 ރުފިޔާ ކަމަށެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކުވެސް 2500 ރުފިޔާ ލިބޭނެ ކަމަށާއި ރިސްކު އެލަވަންސެއްގެ ގޮތުގައި، މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
ތަޢުލީމާއި ތަޖުރިބާ:
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާސިން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓު ހާސިލުކޮށްފައިވުން ނުވަތަ،
- ޑިޕްލޮމާއިން ކޮންވާޝަން އިން ނާސިންގ ކޯސް ފުރިހަމަކޮށްފައިވުން.
އައިޖީއެމްއެޗުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ގާބިލު ފަރާތްތައް ނެގުމުގައި ތިން ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ބުނީ ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 1:30 އަށް އެ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 19ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އައިޖީއެމްއެޗަށް އެކަމަށް އެދި ހުށަހެޅުމަށް ވެސް އައިޖީއެމްއެޗުން އެދިފައި ވެއެވެ. އަދި އޭގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.