ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާތިލް ކޮށްފި އެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް، ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސްގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބާތިލް ކޮށްފައިވާ ކަމަށެވެ.

ލައިސަންސް ބާތިލްކޮށްފައިވާ ސަބަބެއް ބްރޯޑްކޮމް އިން ހާމަކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ސެޓްލިންކު ކުންފުނީގެ އިސް ބޭފުޅަކު މިރޭ "ސަން" އަށް ވިދާޅުވީ އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބްރޯޑްކޮމް އިން ބާތިލު ކުރީ އެ ކުންފުނިން އަމިއްލަ އަށް އެދުމުން ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިދިޔަ މަހުގެ ތެރޭގައި ވަނީ ގަވާއިދުން ފްރިކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް ވެސް އަންގާފައެވެ.