ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން އެގޮތަށް ނިންމީ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭކޮމިޓީ"ގެ ނިންމުމާ ގުޅިގެން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން ކަނޑައަޅާފައިވާ ކްރައިޓީރިއާ އާއި އެއްގޮތަށް މާކްސް ދީ، އިންޓަވިއުކޮށް، އެކޮމިޓީން ކޮމިޝަނަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް މިއަދު ކޮމިޝަނުގައި ނެގުނު ސިއްރުވޯޓުން އަލްއުސްތާޛު ޢަބްދުﷲ ދީދީ އެ މަގާމަށް ހަމަޖެއްސުމަށް ނިންމީ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އުސްތާޛު އަބްދުﷲ ދީދީގެ އިތުރުން، ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ކޮން ބޭފުޅުންނެއްކަން ޖޭއެސްސީން ހާމަކޮށްފައެެއް ނުވެއެވެ.

ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އުސްތާޛް އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުކުރެއްވީ، މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ބޭފުޅަކު ނުހުރެ އެވެ. ނަމަވެސް ވަގުތީ ގޮތުން އެ މަގާމް ހަވާލުކުރައްވާފައި ހުރީ މިހާރުވެސް ހައިކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ފަނޑިޔާރު އަލީ ސަމީރު އާއެވެ.