07 Jan 2016, 21:12
އީރާނާއި ސައުދީ އަރަބިޔާއާ ދެމެދު ކޯޅުންތަކާއި އަރައިރުންތައް ބޮޑުވެފައިވާ މިދަނޑިވަޅުގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ޕާކިސްތާނަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން އެބަދެއެވެ.
ރޮއިޓާސް ބުނާގޮތުން ސައުދީ ޚާރިޖީ ވަޒީރު މާދަމާ ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އަލްޖުބައިރު ޕާކިސްތާނަށް ވަޑައިގަންނަވަނީ ސައޫދީ ރަސްގެފާނުގެ ޚާއްސަ ސިޓީއެއް ޕާކިސްތާނުގެ ބޮޑުވަޒީރަށާއި އެގައުމުގެ ރައީސް މައުމޫން ޙުސައިންއަށް އެރުވުމަށްޓަކައި ކަމަށް ޚަބަރުތައް ބުނެއެވެ.
ސައުދީ އަރަބިޔާއިން އެގައުމުގެ ޝިޔައީ އިސް ދަންނަބޭކަލެއްކަމަށްވާ ޝައިޚް ނިމްރު ބާގިރް އައްނިމްރު އަށް މަރުގެ އަދަބުދިން މައްސަލައާއި އީރާނުގައިވާ ސައުދީ އެންބަސީގައި ބަޔަކު ހުޅުޖެހުމާ ގުޅިގެން ދެގައުމުގެ ދެމެދުގައިވާ އަރާރުންތައްވަނީ ކޮންޓްރޯލުން ނެއްޓިފައެވެ.
ޝައިޚް އައްނިމްރު އަށް މަރުގެ އަދަބުދިން މައްސަލައިގައި ރުޅިގަދަވެފައިވާ އީރާން މީހުން ތެހެރާންގައި ހުންނަ ސައުދީ އެންބަސީގައި ހުޅުޖެހުމާ ގުޅިގެން ސައުދީން ވަނީ އީރާނާއެކު ބާއްވަމުން ގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން އީރާނާއެކު ބާއްވަމުންގެންދިޔަ ދަތުރުފަތުރުގެ ގުޅުންތަކާއި އަދި ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައްވެސް ކަނޑާލާފައެވެ. މީގެއިތުރުން ސައުދީންނާ ގުޅުންބޮޑު އިސްލާމީ ބައެއް ގައުމުތަކުންވެސް ވަނީ އީރާނާ ގުޅުންތައް ކަނޑާލާފައެވެ.
މީގެތެރޭގައި ހިމެނެނީ ސައުދީންގެ ނުފޫޒު ހިނގާ ބަހްރައިންއާއި ޔޫއޭއީ ފަދަ ގަލްފުގެ ކުދި ބައެއް ގައުމުތަކާއި ސައުދީންގެ މާލީ އެހީއަށް ބޭނުންވާ ސޫދާން އާއި ޖިބޫތީ ފަދަ ފަގީރު ބައެއް ގައުމުތަކެވެ.
ސައުދީ އާއި އީރާނާ ދެމެދު ޖެހުނު ޑިޕްލޮމެޓިކް މައްސަލައެއްގައި މިގައުމުތައް އީރާނާ ގުޅުންތައް ކަނޑާލުމަށް ނިންމީ ސައުދީ ސަރުކާރުގެ ބާރުއެޅުމުގެ ސަބަބުން ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. ސައުދީ ޚާރިޖީ ވަޒީރު މާދަމާ ޕާކިސްތާނަށް ވަޑައިގަންނަވަނީވެސް އީރާނާއި ސައުދީގެ އަރައިރުންތަކުގައި އީރާނާދެކޮޅަށް ޕާކިސްތާން ނެރެވޭތޯ ބެލުމުގެ މަގްސަދުގައި ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
ޕާކިސްތާނަކީ ސައުދީގެ މާލީ އެހީ ވަރަށްބޮޑަށް ލިބޭ ގައުމެކެވެ. ނަމަވެސް ޕާކިސްތާނަކީ އީރާނާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ގައުމަކަށްވެފައި ޕާކިސްތާނުގައި ޝިޔައީންގެ އަބާދީއެއް އޮތުމުން އީރާނާދެކޮޅަށް ޕާކިސްތާން ނެރުމަކީ ސައުދީ އަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ޔަމަނުގެ ހަނގުރާމައަށް އަސްކަރީ ގޮތުން ވަދެގަތުމަށް ސައުދީ އިސްކޮށް އޮވެގެން އެކުލަވާލި ކޯލިޝަންގައިވެސް ބައިވެރިވުމަށް ޕާކިސްތާން ވަނީ ދެކޮޅު ހަދާފައެވެ.
ޔަމަންގައި ހަނގުރާމަކުރާ އަރަބި ކޯލިޝަން އުފެއްދި ދުވަސްވަރުވެސް ޕާކިސްތާން ބުނަމުން ގެންދިޔައީ ސައުދީ އަރަބިޔާއާ ދެކޮޅަށް އެހެންގައުމަކުން އަސްކަރީ އުދުވާނެއް ހިންގައި ސައުދީ ބިމަށް އެހެން ގައުމަކުން އަރައިގެންފި ހާލަތެއްގައި ސައުދީގެ ދިފާއުގައި ތެދުވާނެކަމުގައެވެ. ނަމަވެސް ސިޔާސީ ބޭނުމެއްގައި އެހެން ގައުމަކާ ދެކޮޅަށް ސައުދީ ކުރާ ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގައެވެ.
ޕާކިސްތާން މިހެންބުނުމުގެ ސަބަބުން އެގައުމާއި ސައުދީއާ ދެމެދު ނުތަނަވަސްކަމެއް އުފެދިގެންދިޔަކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެއެވެ. މިކޯލިޝަންގައިވެސް ހަރަކާތްތެރިވަނީ ގަތަރާއި ޔޫއޭއީ ފަދަ ގަލްފުގެ ކުދި ގައުމުތަކެވެ. މިސްރާއި އުރުދުންފަދަ އަރަބި ގައުމުތައްވެސް މިކޯލިޝަންގައި އޮންނަނީ ހަމައެކަނި ނަމެއްގައެވެ.
ސައުދީ އާއި އީރާނުގެ ކޯޅުންތަކަކީ ސިޔާސީ އަރާރުން ތަކެކެވެ. ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އުފެދިފައިވާ އަރާރުން ތަކެކެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ޗައިނާވެސް ބޭނުންވަނީ މި އަރައިރުން ތަކުގެ ތެރެއަށް ނުވަދެ އެއްވެސް ކޮޅަކަށް ބުރަނުވެ އެ ދެގައުމުގެ ދެމެދުގައިވާ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލު ކުރުމަށެވެ. މިގޮތުން ދެގައުމު އަލުން ސުލްޙަ ކުރުވުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަން ބޭނުންވާކަން އެތަށް ގައުމަކުން ހާމަކޮށްފައިވާއިރު މީގެތެރޭގައި ރަޝިޔާ، ތުރުކީ، ޗައިނާ، އިރާގު އަދި ޕާކިސްތާން ވެސް ހިމެނެއެވެ.
ކުރިޔާ ޚިލާފަށް މިހާރު އެމެރިކާއަކީ ވަރަށް ގިނައިން ތެޔޮ އުފައްދާ ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ސައުދީ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެމެރިކާއިން މިހާރުވަނީ ޝެއިލް އޮއިލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގިނައަދަދަކަށް ތެޔޮ އުފައްދަން ފަށާފައެވެ. އަދި އެމެރިކާ ގެންދަނީ ތެޔޮ އެކްސްޕޯޓް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. މިއީ އެމެރިކާގައި ކުރިން މަނާކޮށްފައިވާ ކަމެކެވެ.
ސައުދީ އާއި އީރާނުގެ އަރައިރުންތަކުގައި ކުރިން އެމެރިކާ އޮންނަނީ ސައުދީ ފަޅީގައި ކަމަށްވިޔަސް މިފަހަރު އެމެރިކާ ފެންނަނީ ވަކިކޮޅަކަށް ނުޖެހި މައްސަލަ ހައްލުކުރުމަށް އިސްކަންދޭ ތަނެވެ. އަދި އީރާނާ ގާތްވުމުގެ ސިޔާސަތުތަކެއް އެމެރިކާ ގެންގުޅެން ފެށުމުން ސައުދީގެ ރުޅި އެމެރިކާއަށް އަމާޒުވިނަމަވެސް އެކަމާ އެމެރިކާ މާބޮޑަށް އަޅާލާފައެއް ނުވެއެވެ.
އީރާނާ ގާތްވުމުގެ ސިޔާސަތެއްވެސް އެމެރިކާއިން ގެންގުޅެން ފަށާފައިވާއިރު މިކަމުގެ ފަހަތުގައި އެތަށް ސަބަބުތަކެއްވެއެވެ. ސައުދީ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަވެފައިވުމަކީވެސް ސައުދީގެ ރުޅިވެރިކަމާއެކުވެސް އެމެރިކާ އީރާނާ ގާތްވުމުގެ ސިޔާސަތެއް ފާޅުގައި އެމެރިކާ ގެންގުޅެން ފެށުމުގެ ފަހަތުގައިވާ ސަބަކެވެ. އަނެއްކޮޅުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި 11 އަހަރުވެސް ދަށަށްނުދާވަރަށް މިހާރު ދަށަށްގޮސްފައިވުމުގެ ސަބަބުން ސައުދީ އަރަބިޔާއަށް ލިބޭ އާމްދަނީ ވަނީ ދަށަށްދާން ފަށާފައެވެ.
ސައުދީ އަރަބިޔާގެ މިއަހަރުގެ ބަޖެޓަކީ ސަތޭކަ އެތަށް ބިލިޔަން ޑޮލަރެއްގެ ޑެފިސިޓް ބަޖެޓެކެވެ. އަދި ލިބޭ އާމްދަނީ ދަށަށްދާތީ ގަލްފުގެ ގިނަ ގައުމުތަކުންވަނީ ފިއުލްއަށް ދޭ ސަބްސިޑީތައްވެސް ކަނޑާލާފައެވެ.
ގަލްފާއި މެދުއިރުމަތީގެ ސަރަހަދަށް އީރާން އަތްގަދަ ކުރުމަށް މަސައްކަތް ކުރާކަމަށް ސައުދީ ތުހުމަތު ކުރެއެވެ. މިތުހުމަތުތަކާއެކު ސައޫދީ ވަނީ އީރާނުގެ ނުރައްކާ ކުޑަކުރުމަށް ކަމަށްބުނެ އަސްކަރީ ގޮތުން ޔަމަނަށް ވަދެގެންފައެވެ.
މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ބެލެންސް ގެއްލި އީރާނުގެ ބާރާއި ނުފޫޒު ގަދަވެގެންދިޔައީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ސަރުކާރު އެމެރިކާގެ އަތްދަށުވެ ވެއްޓި އިރާގުގެ އަސްކަރީ ބާރު މުޅިން ފުނޑުފުނޑުވުމުގެ ސަބަބުންނެވެ.
މިއާއެކު 80 މިލިޔަންމީހުންގެ އާބާދީއެއް އޮންނަ އަދި އަސްކަރީ ތަޖްރިބާ ބޮޑު އީރާނާ ކުރިމަތިލެވޭވަރުގެ އަސްކަރީ ބާރެއް އެސަރަހައްދުގައި ތުރުކީ ނޫނީ މިހާރަކުނެތެވެ.
އިރާގު މުޅިން ފުނޑުފުނޑުވެ އީރާނަކީ ނުފޫޒު ހިނގާ ގައުމަކަށް ވުމުގެ ސަބަބުން އާބާދީއާއި ސައެންސާއި ޓެކްނޮލޮޖީ އާއި އަސްކަރީ ގޮތުން އީރާނާ ކުރިމަތިލެވޭފަދަ ގައުމެއް ގަލްފުގެ ސަރަހައްދުގައި ނެތުމަކީ އީރާނުގެ ބާރާއި ނުފޫޒާމެދު ސައުދީ އަރަބިޔާއާއި ގަލްފުގެ ގައުމުތައް އެންމެ ކަންބޮޑުވާ މައްސަލައެވެ.