އޮންލައިން ސޯޝަލް ނެޓްވޯކް ސާވިސްއެއް ކަމަށްވާ ޓްވިޓާގައި އެންމެ ގިނަ މީހުން ފޮލޯކުރާ މީހަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަށްވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ކޭޓީ ޕެރީ ޓްވިޓާ އެކައުންޓު ހުޅުވާފައިވަނީ 2009 ވަނަ އަހަރުއެވެ. ޓްވިޓާގެ ރާނީގެ ތާޖު އޭނާއަށް ލިބިފައިމިވަނީ އެ ޕްލެޓްފޯމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު 80 މިލިއަނަށް ވުރެ އިތުރު ވުމުންނެވެ.

ކޭޓީ ޕެރީގެ ޓްވިޓާ އެކައުންޓް ---

ޓްވިޓާގައި ވެރިފައި ކޮށްފައިވާ ކޭޓީގެ އެކައުންޓް 80.4 މިލިއަން މީހުން ފޮލޯކުރެއެވެ. ނަމަވެސް އޭނާ ފޮލޯކުރަނީ އެންމެ 158 މީހުންނެވެ.

މިއުޒިކްގެ ދާއިރާއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ލަވަކިޔުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކޭޓީ ބުނާގޮތުން، އޭނާގެ ޓްވިޓާ އެކައުންޓް ގިނަ ބަޔަކު ފޮލޯކުރަނީ، އޭނާގެ ގިނަ ޓްވީޓްތަކަކީ އަމިއްލަ ޓްވީޓްތަކަށް ވާތީ ކަމަށެވެ.

އެ ލިސްޓުގެ ދެވަނައިގައި ކެނެޑާގެ ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޮތްއިރު، ތިން ވަނައިގައި އޮތީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރި ލަވަ "ސޮރީ" ކިޔާފައިވާ ބީބާ ގެ ޓްވިޓާ އެކައުންޓް 73 މިލިއަން މީހުން ފޮލޯކުރާއިރު، މަޝްހޫރު ވެގެންދިޔަ ލަވަ "ލަވް ސްޓޯރީ" ކިޔާފައިވާ ޓޭލާއަށް ފޮލޯކުރާ 69 މިލިއަން މީހުން ޓްވިޓާގައި އުޅެއެވެ.

ޓޭލާ އަށް ލިސްޓުގެ ތިން ވަނަ ލިބިފައިވަނީ، އެމެރިކާގެ ރައީސް، ބަރަކް އޮބާމާއާ އެއް މިލިއަން ޕޮލޯވަރުންގެ ތަފާތުންނެވެ. ބަރަކް އޮބާމާގެ އެކައުންޓް 68.1 މިލިއަން މީހުން ފޮލޯކުރެއެވެ.

މައުލޫމާތު: އެންޓަޓައިންމަންޓް ވީކްލީ