ލ ފޮނަދޫ ރަށު ކައުންސިލް ރައީސް ޢަބްދުއް ސަމަދު ޢަލީގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި އޭނާ ކައުންސިލުގެ ރައީސް ކަމުން މިއަދު ދުރުކޮށްފި އެވެ.

ޑީއާރްޕީގެ އަށް ނިސްބަތްވާ ފަސް ކައުންސިލަރުން ތިއްބަވާ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ބޭއްވުމަށް ފަހު ކައުންސިލުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވެވީ ކައުންސިލުގެ ނައިބު ރައީސް އަލީ އައްސަދެވެ.

މިއަދު 10:30 ހަމައަށް ކައުންސިލުގެ ރައީސް ކަމުގައި ހުންނެވި ސަމަދު ވިދާޅުވީ ކުއްލި ބައްދަލުވުމުގައި އޭނާގެ މައްޗަށް ނޯކޮންފިޑެންސް ވޯޓަށް އެހުމުން އޭނާއާ ދެކޮޅަށް ތިން ބޭފުޅުން ވޯޓު ދެއްވުމުން ރައީސް ކަމުގައި ހުންނެވުމަށް އިތުބާރު ނެތް ކަމަށް ފާސްވެ މަގާމު ގެއްލިފައިވާ ކަމަށެވެ.
"ވޯޓު ނަގައި އެގޮތަށް ފާސްވުމާއެކު އަޅުގަނޑުވާނީ އިސްތިއުފާގެ ސިޓީ ވެސް ކައުންސިލަށް އަރުވާފައި،" ސަމަދު ވިދާޅުވި އެވެ.

ސަމަދު ވިދާޅުވީ ކައުންސިލުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރީ ރަށުގެ ގުރުއާން މުބާރާތަށް ކައުންސިލުގެ ރައީސް އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނަގައި މިއަދު ހެނދުނު ވަނީ މަގާމުން ދުރުކޮށްފައި، ދެން އޮންނާނީ އަނެއްކާވެސް ރައީސަކު ހޮވުން، " ސަމަދު ވިދާޅުވި އެވެ.