(4 ޖެނުއަރީގެ އަދަދާ ގުޅޭ)

އެދުވަހުން ފެށިގެން މަދީނާގެ ޖައްވުގައި ގުގުމަންފެށީ،النّورސޫރަތުގެ ނިދާގެ އަޑެވެ.

"ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކުމީހުންނެވެ. އެއީ ތިޔަބައިމީހުންނަށް ހުރި ނުބަޔެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުނަށް ހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެ މީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތް ކަމެއްވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތް މީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (سورة النّور: 11)

ކިހައި ވަރުގަދަ އިންޒާރެއްތޯއެވެ. މިއާޔަތުގައި އަންގަވައިފައިމިވަނީ، އެއްވެސް ހެތްކެއް އަދި ޞަރީޙު ޤަރީނާއެއްވިޔަސް ނެތް މި ބޮޑުސިންގާ ދޮގު ވާހަކަ، ޠޫފާނެއް ފަދައިން ފަތުރައިލީ، ބޭރުންއައި ދުޝްމިނުންގެ ބަޔެއް ނޫންކަމެވެ. މުސްލިމުންގެ ވާދަވެރި ބަޔެއްވެސް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އަހަރުތަކެއްގެ ތަރުބިޔަތާއި ތަޢުލީމު ދެވިފައިތިބި މުސްލިމް ޖަމާޢަތުގެ ތެރެއިން ބަޔެއްކަމެވެ. އެއީ އެކަކު ދެމީހަކަށް އެޅުނު އާދައިގެ ކަތި ފިޔަވަޅެއްވެސް ނޫންކަމެވެ. މަހެއްހައިދުވަސް ވަންދެން ޖަމާޢަތެއްގެ ސިކުނޑީގައި ހިކި ފޫދެމުންދިޔަ ދިޔަވަރެއްގެ އޮއިވަރެއްކަމެވެ. އެ އާޔަތުގައި ބަޔާންކުރައްވަނީ، މުސްލިމް ޖަމާޢަތުގެ ވެށީގައި، އެ ބަލިކަށިކަން އެބަހުރިކަމެވެ. އެ ހަލާކުހުރި މަސައްކަތް ހިންގައިލީ، ޚުދު މުސްލިމް ޖަމާޢަތުގެ މެމްބަރުންކަމެވެ. ޙައްޤުގެ ދިދަ އުފުލާ ޖަމާޢަތުގައި ދޮގު ވާހަކަތައް ފެތުރި އަށަގަނެވޭފަދަ ބަލިކަށިކަމެއް އެބަހުރިކަމެވެ. ފެތުރިގެން އެދިޔައީ، ހަމައެކަނި ބޮޑު ބުހުތާނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ. ފާފަވެރިކަމުގެ ބޮޑުސިންގާ ކޯރެއްކަމެވެ. އެކޯރުން އެއްބަޔަކު ރުނބަރުނބާ ފުރެންދެން، އަނެއްބަޔަކު ތަށި ފުރެންދެން ނަގައި ބޭނުންކުރިކަމެވެ. އަނެއްބަޔަކު އަތްގޮށި ފުރައި ނަގައިގެން ކޯދޮވެލިކަމެވެ. އެމީހަކު އެ ލިބިގަތް މިންވަރެއްގެ ފާފަ، އެމީހަކަށް ހުރިކަމެވެ. މި ބޮޑު ފިތުނައިގެ އެންމެ ފުރަތަމަ ކަނި ރޯކޮށްލައި، އޭނާގެ ފަސްބައިން ވިހަ ހުޅުގަނޑު ބޮޑުކޮށްލި މީހާއަށް (عبداللّـه بن أبىّއަށް) ބޮޑުވެގެންވާ ޢަޛާބު ހުރިކަމެވެ.

އަރަހުށި މާތްاللّـهسورة النّورގައި މުސްލިމުންނާ ސުވާލު ކުރައްވައެވެ.

"އެވާހަކަ ތިޔަބައިމީހުން އެހިހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑު ދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟" (سورة النّور: 12)

ވަރަށް ވަރުގަދަ އަޚްލާޤީ ގޮވައިލެއްވުމެކެވެ. ހެޔޮކަމުގެ ޖަޒުބާތާއި، އީމާންކަމުގެ އިޙްސާސް ހޭލެއްވުމަށްޓަކައި، "ވިކައިގަންނަވައިފައިވާ ވަރުގަދަ ވިކައިގެންނެވުމެކެވެ." މި އާޔަތުގެ މަޤްޞަދަކީ، ދާދިކުޑަކުޑަ ކަމެއް (އިސްލާމީ މުޖްތަމަޢުގެ ދަރަޖަ މަތިވެރި، ޝަރަފުވެރި، މާތް އަންހެން ސާހިބަކު، ދިމާވި ޙާދިޘާއެއްގައި، މުސްލިމުންގެ ޤާފިލާއާ ވަކިވެވަޑައިގަތުމުން އެ މުޖްތަމަޢުގެ ހަމައެފަދަ ޝަރަފުވެރި މެމްބަރަކަށް އެކަމަނާ މަގުމަތީގައި އިންނަވަނިކޮށް ފެނިވަޑައިގެން، އެކަމަނާ ގެންދަވައި ޤާފިލާއާ ޙަވާލުކުރެއްވުމުން) ކުށްހީތަކުގެ އެންމެ ދަށުދަރަޖައަށް އެކަން ގެންދަންޖެހުނީ ކީއްވެތޯ ސުވާލު ކުރެއްވުމެވެ. ތިޔައިގެ ތެރެއިން މާތް އެހެން އަންހެނަކަށް ނުވަތަ ފިރިހެނަކަށް އެފަދަ ޙާލަތެއް ކުރިމަތިވިނަމަ، އެހައި ދަށުދަރަޖަޔަކަށް ވެއްޓިގަތީސްތޯ ސުވާލު ކުރެއްވުމެވެ. ތިޔަބައިމީހުންގެ އަޚްލާޤީ ފެންވަރާއި ޝަޚްޞިއްޔަތާމެދު ޚުދު ތިޔަބައިމީހުން ދެކެނީ މިހައިވެސް ދަށުދަރަޖައެއްގައި އެކަންކަން ހުރިކަމަށްތޯ އައްސަވައިލެއްވުމެވެ. ދެޖިންސުގެ ދެމީހަކު އިއްތިފާޤީ ޙާދިޘާއެއްގެ ސަބަބުންވިޔަސް، އެކަހެރީން ދިމާވެލާއިރަށް ބަދުއަޚްލާޤީ ޢަމަލުގެ އެންމެ ދަށުދަރަޖަޔަށް ވެއްޓިގަންނާނެތޯ ސުވާލު ކުރެއްވުމެވެ. ޚުދު ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާމެދު އެހައި ދަށުދަރަޖައިގެ ތަޞައްވުރެއް ނުގެންގުޅޭއިރު، ތިމާމެންގެ އަމިއްލަ ޖަމާޢަތުގެ އެންމެ ޢިއްޒަތްތެރި އެއް އަންހެން ސާހިބަކާއި، ހަމައެފަދަ އަރާހުންނެވި ބޭކަލަކާމެދު އެފަދަ ހުތުރު ކަމެއް ޚިޔާލަށް ގެނެސް، އެ ޚިޔާލު މުޖްތަމަޢުގެ ތެރޭގައި ފާޅުކޮށް ފަތުރައިލުމުގެ އޮތީ ކޮން ޙައްޤެއްތޯ ސުވާލު ކުރެއްވުމެވެ.

އިސްލާމީ މުޖްތަމަޢުގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއް، އެވަރުގަދަ އިމްތިޙާނުގެ ދައުރުގައިވެސް ސާބިތުވެތިބީ، އެބައިމީހުންގެ އަޚްލާޤީ މާތް ހަމަތަކުގެ މަތީގައެވެ. އެ މުޖްތަމަޢުގެ މުޅި ހަށިގަނޑަށް އެ ޒަހަރު ފެތުރި، ފިކުރީ ދިފާޢުގެ ބާރުން މަޙްރޫމުވީނަމަ، އިސްލާމީ މުޖްތަމަޢުގެ ހީރަސްކެނޑި، ބުރަބުރައިގެން ދިޔައީސްކަން ކަށަވަރެވެ.

أبو أيّوب الأنصارى رضى اللّـه عنهގެ އަނބިކަނބަލުން އެކަލޭގެފާނަށް އެ ބުހުތާނުގެ ޚަބަރު ދެއްވި ހިނދު ފާޅުކުރައްވައިފައިވަނީ ވަރަށްވެސް ހެޔޮކަންބޮޑު، ރައްދު ޢަމަލެކެވެ.أبو أيّوبއެކަލޭގެފާނުގެ އަނބިކަނބަލުންނާ ސުވާލު ކުރެއްވިއެވެ.

"އޭأيّوبގެ މަންމާއެވެ! އެފަދަ ދަނޑިވަޅެއްގައިعائشةގެފާނުގެ މަޤާމުގައި ކަމަނާ އިންނެވިނަމަ، އެފަދަ ހުތުރު ޢަމަލެއް ކުރައްވާނުތޯއެވެ." އެކަމަނާ ވިދާޅުވިއެވެ. "މާތްاللّـهގަންދެއްވަމެވެ. ފަހަރެއްގައިވެސް އަޅުގަނޑު އެފަދަ ހުތުރުކަމެއް ނުކުރީމުހެވެ."أبو أيّوبވިދާޅުވިއެވެ. "عائشةގެފާނުގެ ދަރަޖަ، ކަމަނާއަށްވުރެ މާމަތިވެރިއެވެ. އަޅުގަނޑު އަމިއްލަ ނަފުސާމެދު ދަންނަވަމެވެ.صفوانގެ ބަދަލުގައި އަޅުގަނޑާ އެފަދަ ޙާދިޘާއަކާ ކުރިމަތިވީނަމަ، އެފަދަ ޚިޔާލެއްވެސް ހިތަކަށް ނުގެނައީމުހެވެ.صفوانއަކީ އަޅުގަނޑަށްވުރެ މާހެޔޮކަންބޮޑު މުސްލިމެކެވެ."

سورة النّورގައި ޤާނޫނީގޮތުން ސުވާލު އުފައްދަވައެވެ.

"އެކަމުގެ މައްޗަށް އެއުރެން ހަތަރު ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެاللّـهގެ ޙަޟްރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ." (سورة النّور: 13)

އާދެ، އަންހެނެއްގެވިޔަސް ފިރިހެނެއްގެވިޔަސް ޢިޞްމަތްތެރިކަމުގެ ދާވަނީގައި ލައްގަނޑެއް ޖެއްސުމަކީ ކުޑަކުޑަކަމެއް ނޫނެވެ. އެއީ މަޖަލަކަށް ނުވަތަ ސަމާސާއަކަށްވުރެ މާ ސީރިޔަސް މައްސަލައެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ހަރުދަނާ ކޮންމެ މުޖްތަމަޢެއްގައިވެސް އެކަމަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން ވާޖިބުވާނެއެވެ. މީހަކު ތެދުވެ މުޖްތަމަޢުގެ މާތް މީހަކާ ދިމާއަށް، ތިޔައީ ޤާތިލެކޭ، އޭނާ ވައްކަން ކޮށްފިޔޭ ބުނުމަކީ އަދި ކީއްތޯއެވެ؟ މީނާ ބަދުއަޚުލާޤީ ޢަމަލެއް ހިންގައިފިޔޭ ނުވަތަ އެ ދެމީހުން ޒިނޭކޮށްފިޔޭ ބުނުމަކީ އާދައިގެ ކުޑަކުޑަކަމެއް ނޫނެވެ. އެފަދަ ވާހަކަތައް ދައްކާންވާނީ، އިންތިހާދަރަޖައަށް ޒިންމާދާރުކޮށެވެ. މީހެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވައިފިނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ޤާނޫނީގޮތުން ސާބިތު ހެކި ދައްކަންޖެހޭނެއެވެ. އިސްލާމީ މުޖްތަމަޢުގެ ޤަދަރު މަތިވެރި ދެ މެމްބަރަކާ ބެހޭގޮތުން ތިމާމެންގެ ލޮލަށް ފެނުނު ފެނުމަކާނުލައި ހަމައެކަނި ޔޯލަކޮށްލައިފައި ބޮޑު ދޮގެއް ފަތުރާ މީހުން ހެކީން ގެނެސްދިނުމަކީ ވާޖިބެކެވެ. ހެކީން ނުގެނެސްފިނަމަ، އެވާހަކަ ދެއްކި މީހުން ޤާނޫނީގޮތުން ވާނީ ދޮގުވެރީން ކަމުގައެވެ. ބޮޑެތި ކުށްވެރީން ކަމުގައެވެ.

سورة النّورގައި އިސްލާމީ މުޖްތަމަޢުގައި އަޚްލާޤީގޮތުން ބަލިކަށިކަންހުރި މީހުންގެ ބަލިކަށިކަންވެސް ފާޅުކުރައްވައިފައެވެ.

"ތިޔަބައިމީހުންގެ ދޫތަކުން އެވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދިاللّـهގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެންހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާންދޮގެކެވެ." (سورة النّور: 16-15)

ކޮންމެ މުޖްތަމަޢެއްގެވެސް އަޚްލާޤީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އޮވެއެވެ. ޚާއްޞަކޮށް މުޅިދުނިޔެއަށް އަޚްލާޤީ އިޞްލާޙުތަކެއް ގެނެސް، އިންސާނުންގެ އަބުރާއި ޢިއްޒަތާއި ކަރާމަތް ރައްކާތެރިކުރުމުގެ ސިޔާސީ އަދި ތަމައްދުނީ ޙަރަކާތްތަކެއް ހިންގަމުންގެންދާ ބަޔެއްގެ މަސްއޫލިއްޔަތު ވަކިން ބޮޑެވެ. އެފަދަ ބަޔެއްގެ ތެރޭގައި އަސްލެއްނެތް ވިޔާނުދާ ވާހަކަތައް ޒިންމާދާރުކަމެއްނެތި ފެތުރެމުންދާނަމަ، އެކަމުގެ ސީރިއަސްކަން ވަކީން އިތުރުވެއެވެ. އިވޭ ކޮންމެ އަޑެއް، އެއްވެސް ވަރަކަށް އޭގެ ޙަޤީޤަތް ހޯދައި، އެވާހަކައިގެ އެކޮޅުމިކޮޅު ބަލައިލުމެއްނެތި ޤަބޫލުކުރާނަމަ، ކަމުގެ ނުރައްކާތެރިކަން ބޮޑުވެއެވެ. ވިސްނައިލަމާ ހިންގަވާށެވެ. ފިތުނައިގެ ޑަރޯގާއިން ކަށިކުނބުރު ގަސްތައް ހައްދަމުންގެންދާ ބަގީޗާއެއްވާނީ ކޮންކަހަލަ ބަގީޗާއަކަށްތޯއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާއާއިالسّيّدة عائشة الصّدّيقةއާއި،أبوبكر الصّدّيقއާއިصفوانފަދަ ބޭބޭކަލުން މުނާފިޤަކު ދޫކޮށްލާ ބަހުގެ ވިހަގަދަ ތީރުން ރައްކާތެރިނުވާ މުޖްތަމަޢެއްގައި އޮންނާނީ ކާކުގެ ކޮން ޢިއްޒަތެއް ނުވަތަ އަބުރެއްތޯއެވެ.

سورة النّورގެ ނިދާގެ އަޑު ހަރުވެއެވެ.

"ހަމަކަށަވަރުން ޢިއްފަތްތެރި، ޣަފްލަތްތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލެއްވެސް ނެތް) މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލައްވައިފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (سورة النّور: 23)

މި އާޔަތުގައިވަނީ،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ޝަޚްޞިއްޔަތުވެސް ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވައިފައެވެ. އެކަމަނާއަކީ އީމާންތެރި، ޢިއްފަތްތެރި ބޭކަނބަލެއްކަމެވެ. ފާފައަކަށް އަރައިވަޑައިގަތުމުގެ ފިކުރުފުޅެއް ނުވަތަ ޚިޔާލުފުޅެއްވެސް ނެތް ބޭކަނބަލެއްކަމެވެ. އެފަދަ ބޭކަނބަލެއްގެ އިސްތަށިފުޅުގައި ދޮގު ތުހުމަތެއް އެޅުވުމަކީ ދުނިޔޭގައިވެސް މާތްاللّـهގެ ލަޢުނަތްހުރި ކަމެއްކަމާއި، އާޚިރަތް ދުވަހުގެ ބޮޑުވެގެންވާ ޢަޛާބު ހުރި ކަމެއްކަން ވަނީ ބަޔާންކުރައްވައިފައެވެ.

(ނުނިމޭ)