އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއަކާ ގުޅިގެން، އެ ސްޓޭޓުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފި އެވެ.

ކެލިފޯނިއާގެ ލޮސް އެންޖެލެސް ކައުންޓީއަށް އިއްޔެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވަނީ، އެ ސަރަހައްދުގައި ހުންނަ ގޭސް ޕްލާންޓަކުން ގޭސް ލީކުވަމުން ދާތީއެވެ. ސަދަން ކެލިފޯނިއާ ގޭސް ނަމަކަށް ކިޔާ އެ ގޭސް ޕްލާންޓުން ގޭސް ލީކުވަމުން އަންނަތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިކަން ހާމަވެފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ.

އެ ޕްލާންޓުން ލީކުވަމުން އަންނަނީ "ނެޗުރަލް ގޭސް" ނުވަތަ ޤުދުރަކީ ގޭހެވެ. މި ގޭހުގައި މަތީ އަދަދަކަށް މީތޭން ގޭސް ހިމެނޭ އިރު، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ލޮސް އެންޖެލެސް ކައުންޓީގެ ބައެއް ރައްޔިތުންނަށް ވަނީ، ލީކު ވަމުންދާ މީތޭން ގޭހުގެ ސަބަބުން ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް 2،500 ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ކެލިފޯނިއާ ސްޓޭޓުގެ ގަވަރުނަރު ޖެރީ ބްރައުން، ލޮސް އެންޖެލެސް ކައުންޓީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވާފައިވާ މި ދަނޑިވަޅުގައި، ކެލިފޯނިއާ ސްޓޭޓުގެ ސަރުކާރުން ދަނީ ބިމު އަޑިން ލީކުވަމުން އަންނަ ގޭހުގެ ސަބަބުން އެސަރަހައްދުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އެސަރަހައްދު ސަލާމަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސަދަން ކެލިފޯނިއާ ގޭސްއިން ލަފާ ކުރާ ގޮތުގައި، ގޭސް ލީކުވުން ހުއްޓުވުމުގެ މަސައްކަތް ކާމިޔާބު ކަމާ އެކު ކުރުމަށް އިތުރު ދެ މަސް ދުވަސް ނަގާނެ އެވެ.

މި ހާދިސާއާ ގުޅިގެން ކެލިފޯނިއާގެ އާންމު ރައްޔިތުން ގެންދަނީ، ތިމާވެއްޓަށް ގެއްލުންދިން ކަމާއި ރައްޔިތުންނަށް އުނދަގޫ ފޯރުކުރުވާ ކަމަށް ބުނެ، ސަދަން ކެލިފޯނިއާ ގޭސްއާ ދެކޮޅަށް ކޯޓުތަކުގައި މައްސަލަ ފައިލް ކުރަމުންނެވެ.