ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިންތިޚާބު މިމަހު ފަހުކޮޅު ބާއްވަން ތާވަލުކޮށް އެ ކްލަބުގެ އެކްސްކޯގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވައިލާނެ ކަމަށް އެކުލަބުން ބުނެފިއެވެ.

ސަންއާ ވާހަކަ ދައްކަމުން ނިއުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު ޢަލީ ވިދާޅުވީ، މިހާރު އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އެކްސްކޯގެ ނުވަ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

އަންވަރު ވިދާޅުވީ، މަސައްކަތް ކުރަނީ މިމަހުގެ އެންމެ ފަހު ހަފުތާގައި އިންތީޚާބު ބޭއްވުމަށް ކަމަށާއި އާދިއްތަ ދުވަހު އިންތީޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާއިރު، އިންތިޚާބު ބާއްވާނެ ތާރީޚް ވެސް އިއުލާން ކުރާނެ ކަމަށެވެ.

ނިއުއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚްގައި އުފެދުނު އެންމެ ކާމިޔާބު ކުލަބެވެ.

އެޓީމުން ވަނީ މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައިފައެވެ.

ނިއުގެ ޗެއާމަން ޢަލީ ވަޙީދު، ކުރިއަށް އޮތް އިންތިޚާބުގައި އޭނާ ވާދަ ނކުރާނެ ---- ސަން ފައިލް ފޮޓީ

އެކުލަބުގެ ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ޗެއާމަން ޢަލީ ވަހީދު (ބަލަކު) ވާދަ ނުކުރައްވާނެ ކަމަށް އޭނާ ވަނީ އިއުލާންކޮށްފައެވެ.

ބަލަކުއަކީ ނިއުގެ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު އެއް ޗެއާމަނެވެ.

އަންވަރު ވިދާޅުވީ، މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ޓީމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޓީމުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންގެ ތެރެއިން މިދިޔަ ސީޒަންގައި ކެޕްޓަނެއްގެ ގޮތުގައި ހުރި އަސްހަދު ޢަލީ (އަޑޭ) ފިޔަވައި ހުރިހާ ކުޅުންތެރިންވެސް ޓީމުގައި މަޑުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ރިލީޒް ދިނީ އަސްހަދަށް. ކޮންޓްރެކްޓްގައި ތިބި ދެންތިބި ކުޅުންތެރިން ޓީމުގައި މަޑުކުރާނެ. އަދިވެސް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" އަންވަރު ވިދާޅުވިއެވެ.