ވިޔަފާރީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރިއަށްގެންދާ "ސަބާ" ޕްރޮޖެކްޓުގެ ދަށުން މިހާރު އައްޑޫގައި ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރު (ސީއެފްސީ) އެއް ގާއިމު ކޮށްފައިވާއިރު އިތުރު ދެ ތަނެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އެތަންތަނުގައި މަސައްކަތް ކުރާނެ ފަރާތްތަކުން ތަމްރީން ކޮށްފައިވާއިރު ތިން ތަނުގައިވެސް އެތަންތަނަށް ބޭނުންވާ މެޝިންތައް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްތައް ކުރުމަށް ތައްޔާރު ކުރާ ސީއެފްސީތަކުގެ ތެރެއިން އައްޑޫ ހިތަދޫގައި އެތަން ހަދާފައި ކަމަށެވެ.

އިތުރު ސީއެފްސީއެއް ލ. ގަމުގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ގދ. ގައްދޫގައި ތުނޑުކުނާ ވިޔުމުގެ މަސައްކަތް ކުރުމަށް ތަނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ ހިތަދޫގެ ސީއެފްސީގެ އަމަލީ މަސައްކަތްތައް ދޮޅުމަހެއްގެ ތެރޭގައި ފެށޭގޮތްވާނެ. އެގޮތުން އެންމެ ފުރަތަމަ އުފެއްދުންތައް މިއަހަރުގެ މެދުތެރޭގައި ބާޒާރައް ނެރެވޭވަރު ވާނެ،" އޭނާ ވިދާޅުވިއެވެ.

ސަބާ އިން ވޭތުވެ ދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެ އޯގަނައިޒޭޝަންގައި މިދިޔަ އަހަރުގެ ނިޔަލަށް 1،070 މެމްބަރުން ރެޖިސްޓާކޮށްފައިވާ ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

ސަބާގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ސަބާއަށް 2000 އަކަފޫޓުގެ ބިމެއް ސަރުކާރުން ދީފައިވާކަމަށާއި އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުގެ ޑިޒައިންގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. ކުރިއަށް އޮތް މާޗް މަހު ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރެވޭ. އެތަނުގެ 10 ބުރީގެ ތެރެއިން ހަތަރު ބުރި ވަނީ ޖެންޑާ މިނިސްޓްރީއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްޓަކައި ދިނުމަށް ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އިމާރާތުގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށާއި ލޯނު އެހީއެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.