ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންއާގައި ހުންނަ އިރާނުގެ އެމްބަސީއަށް ވައިގެ ހަމަލާ ދިން ކަމަށް އީރާނުން ތުހުމަތު ކޮށްފި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސަންއާގައި ހުރި އީރާނުގެ އެމްބަސީ އަށް މިސައިލް ހަމަލާއެއް އެރުމުގެ ސަބަބުން އެއިމާރާތައް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީ އިން ބުނި ގޮތުގައި އެމްބަސީގެ ބައެއް މުއައްޒަފުން ޒަހަމްވި އެ ހަމަލާ ސައުދީގެ ހަނގުރާމަވެރި ބޯޓުތަކުން ދިނީ "ގަސްތުގައި" އެވެ.

"އެ ހަމަލާގެ ސަބަބުން އެމްބަސީ އިމާރާތަށާއި މުއައްޒަފުންނަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ސައުދީ ސަރުކާރުން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުސައިން ޖާބިރު އަންސާރީ ވިދާޅުވި ކަމަށް އީރާނުގެ ސްޓޭޓް ޓީވީން ރިޕޯޓުކުރި އެވެ.

ސައުދީ އަރަބިއާ އިން ވަނީ އީރާނުގެ އެ ތުހުމަތުތައް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ސައުދީން ހަމަލާދެނީ ހަމައެކަނި ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފާފައިވާ ހޫޘީންނާއި ދެކޮޅަށް އެކަނި ކަމަށް ބުނެފަ އެވެ.

އީރާނުން އެ ތުހުމަތު ކޮށްފައި ވަނީ ސައުދީ އަރަބިއާ އިން މަޝްހޫރު ޝީޢީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އީރާނުގެ ބައެއް ރައްޔިތުން ސައުދީ އެމްބަސީއަށް ހަމަލާ ދީފައި ވަނިކޮށެވެ. އެ މައްސަލައާ ގުޅިގެން ސައުދި އަރަބިއާ އިން ވަނީ އީރާނާ އެކު އޮތް ޑިޕްލޮމަޓިކް ގުޅުންތައް ކަނޑާލާފަ އެވެ. (އަލްޖަޒީރާ)