ނައިޖީރިއާގެ ފުޓްބޯޅަ އިދާރާގެ ހެޑްއޮފް ޕްރޮޓްކޯލްގެ މަގާމުގައި ހުރި އިބްރާހިމް އަބޫބަކުރުގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ނައިޖީރިއާގެ ފުޓްބޯޅަ އިދާރާ އިން ބުނީ އިބްރާހިމް މާރާލާފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެ އަށް ހަތިޔާރާ އެކު ވަތް ފޭރޭ ބަޔަކު އެނާ ގަޔަށް ބަޑި ޖެހުމަށް ފަހު ކަމަށެވެ.

ފޭރޭ ގުރޫޕް އަކުން އެ ގެޔައް ވަތް ނަމަވެސް އެގޭގައި މާގިނަ އަދަދެއްގެ ފައިސާއެއް އެ ވަގުތު ނެތް ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

އިބްރާހިމް ގަޔަށް ބަޑިޖަހާ މަރާލާފައިވާ އިރު އޭނާގެ އަތްބަކާއި ތިން ދަރިން ވެސް ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އޭނާގެ އާއިލާއާ ވަކިން އިބްރާހިމް ދިރިއުޅެމުންދަނީ ނައިޖީރިއާގެ އެެހެން އަވަށެއްގަ އެވެ.

ނައިޖީރިއާގެ ފުޓްބޯޅަ އިދާރާގެ ޖެނަރަލް ސެކެޓްރީ މުހައްމަދު ސަނޫސީ ވިދާޅުވީ އިބްރާހިމް އިއްޔެ ވެސް އޮފީހަށް ވަޑައިގެން ކަމަށާއި ގެއްލިގެން އެ ދިޔައީ އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެއް ކަމަށެވެ.

އުމުރުން 43 އަހަރުގެ އިބްރާހިމް މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާގެ އުފަން އަވަށް ކަމަށްވާ ކަޑޫނާގައި ވަނީ ފަސްތާނު ލެވިފަ އެވެ.