14 Apr 2011, 11:38
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި 14 މީހެއްގެ މައްޗަށް އެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ 2001 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް 9197 މީހުންގެ މައްޗަށް އެ ކޯޓުން އެކި ބާވަތްތަކުގެ ކުށްކުށުގައި ހުކުމްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަރުވާލުމަށް ހުކުމްކޮށްފައިވާ 2950 މީހުންނާއި ގޭގައި ބަންދު ކުރުމަށް ހުކުމްކޮށްފައިވާ 798 މީހުންނާއި ޖަލަށްލުމަށް ހުކުމްކޮށްފައިވާ 5434 މީހުން ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އެހެންމެ މެރުމަށް ނުވަތަ ގިސާސް ހިފުމަށް 14 މީހެއްގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގޭންގް މާރާމާރީތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ މަރުވެފަ އެވެ. ވިލިމާލޭގައި ދާދިފަހުން ހިންގި މާރާމާރީއެއްގައި ވަޅި ހަރައި ޒަހަމްކޮށްލި ޅ. މާޅެންދޫ، ވައިޓްހައުސް، އަހުމަދު މިރުޒާ ވަނީ މިއަދު މަރުވެފަ އެވެ.
މީގެ ދެ އަހަރު ކުރިން ކަޓަރަކުން ހަމަލާދީ އަބްދުﷲ ފަރުހަދު މަރާލުމުގެ ކުށުގައި މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ތަންފީޒު ކުރުމަށް ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ގޮވާލައިފަ އެވެ. ނަބީލަކީ ގޭންގް މާރާމާރީއެއްގެ މައްސަލައިގައި ކުށް ސާބިތުވެ މެރުމަށް ހުކުމް ކުރި ފުރަތަމަ މީހާ އެވެ. ނަބީލް މެރުކަށް ހުކުމް ކުރި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމާމެދު ވަރަށް ގިނައިން ބަހުސްކޮށްފަ އެވެ.