ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ ތައުލީމީ ދާއިރާ އޮތީ ވަރަށް ބޮޑު ހާސްކަމަކާއި ކަންބޮޑުވުންތަކެއްގެ ތެރޭގައި ކަމަށް އަދުގެ ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، 2015 ވަނަ އަހަރު ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތަކާއި ދަރިވަރުން ކިޔެވުމަށް ބޭނުންވާ ފޮތް ފަދަ ތަކެތި ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ދިޔައީ ސުކޫލުތައް ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރު ނުވެވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"ކީ ސްޓޭޖު ވަންގެ ފޮތްތަކެއް ކިޔަވަން ފަށަންވާއިރަށް ލިބިފައި ނެތް. އަހަރު ފެށިގެން ދިޔުމާ އެކު ޓީޗަރުންގެ މުސާރައިގެ ކަންތައްތަކާއި ޓީޗަރުން ހިތް ހަމަނުޖެހުން ފާޅު ކުރި. ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން ވަކި ކުރާނެ ވާހަކަ އައިއްސަ ޑެޕިއުޓީ ޕްރިންސިޕަލުން ވަކި ކުރާނެތޯ ނުކުރާނެ ތޯ،" ޑރ. މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވޭތުވެ ދިޔަ އަހަރަކީ މަތީ ތައުލީމަށް ވެސް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ. އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އެފަދަ އެތައް މިސާލެއް ދައްކަވައި ވާހަކަފުޅުދައްކަވާފައެވެ.

"ޔުނިވާސިޓީގެ ސައިންސް އިމާރާތުން ކުދިން ނުކުންނަން ޖެހި، އެމީހުން ކިޔަވާނެ އެހެން ތަނެއް ނުލިބި. ފެކަލްޓީ އޮފް އާޓްސް ހިންގާ އިމާރާތުން ނުކުންނަން ޖެހި އެ ކަންބޮޑުވުމާ ހާސްކަން މަތީ ތައުލީމަށް ވަދެގެން ދިޔަ. މަންދު ކޮލެޖަށް ރޭގަނޑު ދަންވަރު ފުލުހުން ފޮނުވައި މަންދު ކޮލެޖުގަ ތަޅު އަޅުވައި މަންދު ކޮލެޖުގެ ކުދިން މަގުމައްޗަށް ނެރުނު،" ޑރ. މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުގައި މަތީ ތައުލީމުގެ ޓްރެއިނިންގު ޕްރޮގުރާމްތައް ހިންގުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތަކަށް ކުދިން ހޯދުމަށް ދަތި ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީ ސަރުކާރުގައި، ޑރ. މުސްތަފާ ލުތުފީއަށް ފަހު އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ މުހައްމަދު ވިދާޅުވީ، ރާއްޖެއަކީ މި ސަރަހައްދުގައި ނިސްބަތުން އެންމެ ރަނގަޅަށް ޕްރީ ސުކޫލްތައް ހިންގާ ތަންތަން އުފެދިފައިވާ ގައުމު ކަމަށެވެ.

"އެހެންނަމަވެސް ކުއްލިއަކަށް ޕްރީ ސުކޫލް އުމުރުފުރާގެ ގިނަ އަދަދެއްގެ ކުދިބަޔަކު ޔޫކޭޖީ، އެލްކޭޖީ އެއްކޮށް ނަގާ އަތޮޅު ތެރޭގައި މި ހެއްދެވި ގޮތަކީ ގްރޭޑު ކުލާސްތަކަށް ލީ. ޕްރީ ސުކޫލް ތައުލީމަކީ މުޅިން ތަފާތު ގޮތަކަށް ދޭން ޖެހޭ ތައުލީމެއް،" ޝިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ޕްރީ ސުކޫލެއް ހިންގުމަށް އަދި އެފަދަ މާހައުލެއް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ތައުލީމީ ދާއިރާއަށާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ނުތަނަވަސް އަހަރެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންނަށް ވެސް ނުތަނަވަސްކަން ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓީޗަރުންނާއި މުދައްރިސުންނަށް ވަޒީފާގެ ކަށަވަރުކަން ގެއްލޭ ހިސާބަށް ފޯރާފައިވޭ. ކިޔަވާ ދަރިވަރުންނަށް އެކުދިން ކިޔަވަމުންދާ އިންސްޓިޓިއުޝަން އެކުދިންގެ އަތުން ނުވަތަ ހިންގުމާ ހަވާލު ވެފަ ހުންނަ ފަރާތުގެ އަތުން ގަދަކަމުން އަތުލައި ކުރުމުއްދަތަކަށް ނަމަވެސް އެ ތައުލީމުގެ ފުރުސަތު ނަގާލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހޭ"، އަނަސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއް އަހަރެއްގައި އެއް ދަންފަޅިން ކިޔަވައި ދިނުމަށް ފަހު އަނެއް އަހަރު ދެ ދަންފަޅިން ކިޔަވައި ދިނުމުގެ ނަތީޖާ ދަރިވަރުންނާ މުދައްރިސުންގެ ކިބައިން ފެންނާނެ ކަމަށެވެ.

އަދި ސަރުކާރުން އެއްވެސް އަމާޒެއްނެތި ކުރާ އެ ފަދަ ކަންކަމުން ދަރިވަރުން ކިޔެވުމަށް ކުރާ ބުރަ މަސައްކަތްތަކަށް އަސަރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.