07 Jan 2016, 13:56
ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ދޮންކާފަ، މ. ދިއްގަރު ބަށިމާގޭ އިސްމާއީލް ރައޫފަށް ފާނަބަސަންދު ޖެހިގެން އޭނާގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ.
ރައޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އާއިލާގެ މެމްބަރަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު 1:00 އަށެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެ މައްސަލަ ޝަރީއަތަށް ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ރައޫފަށް އިއްވާނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ، ރައުފަކީ މީގެ ކުރިން ވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ.
ސަތީހު ވިދާޅުވީ، އޭނާ މީގެކުރިން އާފިޔާ އަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ.